ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 17:09
ޓޯކިއޯ އޮލިމްޕިކްސް - ކޮވިޑް-19 އާ ގުޅިގެން އޮލިމްޕިކްސް ވަނީ މި އަހަރަށް ފަސްކޮށްފައި
ޓޯކިއޯ އޮލިމްޕިކްސް - ކޮވިޑް-19 އާ ގުޅިގެން އޮލިމްޕިކްސް ވަނީ މި އަހަރަށް ފަސްކޮށްފައި
ގެޓީ އިމޭޖަސް
ޓޯކިއޯ އޮލިމްޕިކްސް
ޓޯކިއޯ އޮލިމްޕިކްސްގައި ބައިނަލްއަގުވާމީ ސަޕޯޓަރުންނަށް ހުއްދައެއް ނެތް
އޮލިމްޕިކްސް އޮންނާނީ މި އަހަރުގެ ހޫނު މޫސުމަގައި ޖަޕާނުގައި
ޓިކެޓް ގަނެފައިވާ މީހުންނަށް ރިފަންޑް ދިނުމަށް ވަނީ ނިންމާފައި

ކޮވިޑް-19 އާ ގުޅިގެން މި އަހަރަށް ފަސްކޮށްފައިވާ ޓޯކިއޯ އޮލިމްޕިކް ގޭމްސް ބަލަން އެހެން ޤައުމުތަކުގެ ސަޕޯޓަރުން ޖަޕާނަށް އެތެރެވާން ހުއްދަދެވެން ނެތް ކަމަށް އިންތިޒާމު ކޮމިޓީން ބުނެފިއެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް މި އަހަރަށް ފަސްކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމިއިރު، މިދިޔަ އަހަރުގެ އޮލިމްޕިކްސް ޓޯކިއޯގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު ވަނީ މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕިކްސް ބާއްވަން ތާވަލުކޮށްފައެވެ. އަދި ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ ކުރިން ޖަޕާމުގެ އިދާރާތަކުން ވަނީ ކޮވިޑުގެ މި ދަނޑިވަޅުގައި އެހެން ޤައުމުތަކުގެ ސަޕޯޓަރުން ޖަޕާނަށް އެތެރެވާން ހުއްދަދިނުމަކީ އެންމެ އެދެވޭ ކަމެއް ނޫން ކަމަށް އޮލިމްޕިކްސްގެ އިންތިޒާމު ކޮމިޓީއަށް އަންގާފައެވެ. އެހެންކަމުން މި އަހަރުގެ ހޫނު މޫސުމުގައި ބާއްވާ އޮލިމްޕިކްސްގައި ބައިނަލްއަގުވާމީ ސަޕޯޓަރުންނަށް ފުރުޞަތު ނުދެވޭނެ ކަމަށް އިންތިޒާމު ކޮމިޓީން މިހާރު ވަނީ ނިންމާފައެވެ. އެއާއެކު މީގެ ކުރިން ޓިކެޓް ގަނެފައިވާ މީހުންނަށް ރިފަންޑް ދިނުމަށްވެސް އިންތިޒާމު ކޮމިޓީން މިހާރު ވަނީ ނިންމާފައެވެ.

މި އަހަރުގެ ހޫނު މޫސުމުގައި ޖަޕާނުގައި އޮލިމްޕިކްސް ބާއްވާއިރު، ކޮވިޑާ ގުޅިގެން ފަސްކުރި އޮލިމްޕިކްސް މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވޭނެ ކަމަށާއި، އޮލިމްޕިކްސްއަށް ޖަޕާނުން ވާންޖެހޭ ތައްޔާރީތަށް މިހާރުވެ ނިމިފައިވާ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސުގާ ވަނީ ވިދާޅުވެފައެވެ. އަދި މި ފަހަރުގެ އޮލިމްޕިކްސް އެހެން އަހަރުތަކާ ތަފާތުވާނެ ކަމަށާއި، އެގޮތުން މި ފަހަރުގެ އޮލިމްޕިކްސް ކުރިއަށްދާނީ ކޮވިޑާއެކު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށްވެސް އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ އޮލިމްޕިކްސް މި އަހަރަށް ފަސްކުރިއިރު، މިއީ ތާރީޚުގައި އޮލިމްޕިކްސް ފަސްކުރި ފުރަތަމަ ފަހަރެވެ. މި އަހަރުގެ ހޫނު މޫސުމުގައި އޮލިމްޕިކްސް ބާއްވަން ނިންމާފައިވީ ނަމަވެސް، މި އަހަރުގެ ގޭމްސްގައިވެސް ބޭނުންކުރާނެ ނަމަކީ "ޓޯކިއޯ އޮލިމްޕިކްސް 2020" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް