އައްޑޫ ސިޓީގައި ގެސްޓް ހައުސް ތަރައްޤީ ކުރުމަށް 31 ބިން ހަވާލުކޮށްފިއެވެ.
ބުރާސްފަތި ދުވަހު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ބިޑް ކާމިޔާބު ކރި ފަރާތްތަކަށް ބިން ހަވާލުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމެވެ. އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ޓުއަރިޒަމް ޒޯން ތަކެއް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ހަވާލުކުރި ބިންތަކުގެ ތެރޭގައި ހިމެނެނީ، ހިތަދޫ ޓޫރިޒަމް ޒޯންގެ 7 ބިމާއި، މަރަދޫ 1 ބިމާިއ، ފޭދޫގެ 12 ބިމާއި، ހުޅުދޫ 9 ބިމާއި، މީދޫގެ ދެ ބިމެވެ. މި ބިންތަކުގައި ގެސްޓް ހައުސް ތަރައްޤީކޮށް 2 އަހަރުގެތެރޭގައި ޚިދުމަށް ދޭ ޖެހެއެވެ. އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ޓޫރިޒަމް ޒޯން ތަކުގެ ގޮތުގައި ތަރައްޤީ ކުރުމަށް 93 ބިމެއް ކަނޑައަޅާފައިވެއެވެ. މީގެތެރެއިން ބާކީ އޮތް 62 ބިމަށް ބީލަން ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ.
އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސާދިގް ވިދާޅުވީ، އައްޑޫ ސިޓީގެ ފަތުރުވެރިކަން ދެން ދާނީ ކުރިއަށް ކަމަށާއި، މުސްތަގްބަލް ވަރަށް އުޖާލަ ކަމަށެވެ. އަދި ސަރުކާރުން ވައުދުތައް ފުއްދަވާ ދެއްވާނެ ކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރ އައްޑޫސިޓއަށް ކުރައްވަމުން ގެންދަވާ މި ދަތުރުގައި، އައްޑޫ ސިޓީ ކައުސިލާ ބައްދަލުކުރައްވައި އައްޑޫ ސިޓީގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުަމަށް މަޝްވަރާކުރެއްވިއެވެ. އެގޮތުން މިހާރު އައްޑޫ ސިޓީގެ ފޭދޫ ކައިރީގައި އޮން ފަޅުރަށް ސަވާހިލީގައި ގެސްޓް ހައުސްތަކާއި، ޓޫރިސްޓް ހޮޓާތަކުން ނުލިބޭ ފެންވަރުގެ ޚިދުމަތްތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އައްޑޫ ސިޓީގައި މިހާރު ބަންދުކޮށްފައިވާ ދެ ރިސޯޓު ހުޅުވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވި، އެ ދެ ރިސޯޓުގެ ތެރެއިން ފުރަތަމަ ހުޅުވޭނީ ކެނަރީފް އައިލެންޑް ރިސޯޓެވެ. އައްޑޫ ސިޓީ ހިމެނޭ ގޮތަށް ދެކުނުގެ ހަތަރު އަތޮޅު 'ސަދަން ޒޯން'ގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޓުއަރިޒަމް މިނިސްޓަރ އައްޑޫ ސިޓީއަށް ކުރެއްވި މިދަތުރުފުޅުގައި ޓޫރިސްޓް ޒޯންގެ ގޮތުގައި ތައްގީކުރަން ހަމަޖެހިފައިވާ ތަންތަންވެސް ބައްލަވާލެއްވިއެވެ.