ކ. މާލެ
|
18 މާރޗް 2021 | ބުރާސްފަތި 19:05
ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅު
ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ހަރުދަނާ އުސޫލެއްގެ މަތިން މަޝްވަރާތައް ކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރެވުނު
މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބަންގްލަދޭޝް އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހުކުރުމުގެ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދެ ގައުމުގެ ދެމެދު ހަރުދަނާ އުސޫލެއްގެ މަތީން މަޝްވަރާތައް ކުރުމަށްޓަކައި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ މޯލްޑިވްސް-ބަންގްލަދޭޝް ޖޮއިންޓް ކޮމިޝަން އޮން ކޮމްޕްރިހެންސިވް ކޯޕަރޭޝަން" އެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެމްއޯޔޫގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ޑރ. އޭ.ކޭ ޢަބްދުލް މޮމެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރަށް ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު އެކިއެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ބައިލެޓްރަލް ކޮންސަލްޓޭޝަންސް" ގައި ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދާއި، ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްޞޫދު ބިން މޮމެން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އެކަމާގުޅޭ މަޝްވަރާތަކަށް މަގުފަހިކުރުމަށްޓަކައި ދެ ސަރުކާރު ދެމެދު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ ފީލްޑް އޮފް ފިޝަރީޒް އެންޑް ޕެލަޖިކް ފިޝިންގ" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލާއި، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް ލައިވްސްޓޮކް އެސް.އެމް. ރިޒާއުލް ކަރިމް އެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ ރައްޔިތުންނާއި ގުޅުން ޤާއިމުކުރުމަށްޓަކައި ދެ ޤައުމުގެ އާދަކާދަ އާއި ސަޤާފަތް ދަސްކުރުމަށާއި އެކަމަށް އަހުލުވެރިވުމަށްޓަކައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމް (ސީ.އީ.ޕީ) ފޮރ 2022-2025 ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ އޮފް ކަލްޗަރަލް އެފެއާޒް ކޭ.އެމް. ޚާލިދު ކަމަށެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން ބަންގްލަދޭޝްގެ ބޮޑުވަޒީރު އުޅުއްވާ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރުވަނީ ވަކިން ބައްދަލުކުރައްވާފައިވާ ކަމަށާއި އެއަށްފަހު ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ދޭދޭ ގުޅުންބަދަހިކުރުމާއި ގުޅޭގޮތުންވެސް ވަނީ މިއަދު ވާހަކަފުޅުތައް ކުރިއަށްގެންގޮސްފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ރައީސް ސޯލިހު ބަންގްލަދޭޝް އަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ބުރާސްފަތު ދުވަހު ވަނީ އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ދިރިއުޅުމުގެ ހާލަތާއި ބައެއް އެހެނިހެން ކަންކަން ވެސް އައްސަވާ މަޝްވަރާކުރައްވާފައެވެ.

- ކޮމެންޓް