ކ. މާލެ
|
18 މާރޗް 2021 | ބުރާސްފަތި 07:19
ފަލަސުރުހީ ޕްރޮގްރާމްގައި ޓެގްގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވާހަކަދައްކަވަނީ
ވެކްސިން ދިނުން
ކޮވިޑް19ގެ ވެކްސިން ދެމުންދާއިރު އެހެން ބައްޔެއްގެ ސަބަބުން ވެސް ސިއްހީ ހާލަތު ގޯސްވެދާނެ: ޑރ. ނަޒްލާ މުސްތަފާ
 
ބަލި ކޮންޓްރޯލް ކުރުމަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދޭން ޖެހޭ
 
ވެކްސިން ދިނުމަށްފަހު އެންޓި ބޮޑީ އުފެދެން ގާތްގަނޑަކަށް ދެހަފްތާ ނަގާނެ
 
ވެކްސިން ޖެހުމަށްފަހު ސިއްހީ ގޮތުން ކުރިމަތިވާ ހުރިހާ މައްސަލައެއް ވެސް ރިޕޯޓުކުރާނެ

ކޮވިޑް19ގެ ވެކްސިން ދެމުންދާއިރު އެހެން ބައްޔެއްގެ ސަބަބުން ވެސް ސިއްހީ ހާލަތު ގޯސްވެދާނެ ކަމަށާއި، އާއްމުންގެ ހިތްތަކުގައި ސުވާލު އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ އިލްތިމާސްކުރައްވައިފިއެވެ.

ބުދަ ދުވަހު ރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ނެރިފައިވަނީ ވަރަށް ގިނަ ދިރާސާތައް ހެދުމަށްފަހު ކަމަށެވެ. އަދި ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދައާއެކު ކަމަށާއި، މިހާރު ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވެސް މިވެކްސިންއަށް ހުއްދަ ދީފައިވާ ކަަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުމަށްފަހު ސިއްހީ ގޮތުން ކުރިމަތިވާ ހުރިހާ މައްސަލައެއް ވެސް ރިޕޯޓުކުރާނެ ކަމަށާއި، ރާއްޖޭގައި ރިޕޯޓު ކުރެވޭ މައްސަލަތައް ނިސްބަތުން މަދު ކަމަށެވެ. އަދި ބޮޑަށް ސިއްހީ ހާލަތު ގޯސްވި ކޭސްތައް އިތުރަށް ބަލަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ ވެކްސިން ޖެހުމުގެ ސަބަބުން ކުރިމަތިވި މައްސަލަތޯ ކަށަވަރު ކުރާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މުޅި ދުނިޔެ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ވެކްސިން ދެމުން ދަނީ އެބައްޔަށް ކަމަށެވެ. އެހެންކަމުން މުޖުތަމައުގައި އުޅޭ އެހެނިހެން ބަލިތައް އުޅޭނެ ކަމަށާއި، ވެކްސިން ޖެހި އެހެން ބަޔަކަށް މީހާ ހުށަހެޅިގެން ގޮސްދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ ހާލަތެއްގައި އެއީ ވެކްސިންގެ ސަބަބުން ކުރިމަތިވި ކަމެއްކަމަށް ނުނިންމޭނެ ކަމަށެވެ.

ވެކްސިން ޔޫރަޕިއަން ރީޖަންގައި ވެސް 17 މިލިއަންއާ ގާތްކުރާ ވަރަށް ވެކްސިން ޖަހައިފި. ވެކްސިން ދިނަސް ދެން އެއަންނަ ބަލިންތައް ނުވެސް ހުއްޓުވޭނެ. އޭގެ މާނައަކީ މިވެކްސިން ދެނީ ކޮވިޑުން ސަލާމަތްވާން. އެހެންވީމަ މުޖުތަމައުގައި ހިނގާނެ ދޯ އާއްމުކޮށް ހިނގާ ބަލިތައް. އެހެންވީމަ އެކަމަކުން ސަލާމަތެއް ނުވޭ. ބެކްރައުންޑްގައި އަންނަ ޑޭޓްގައި މިސާލަކަށް ކްލޮޓްސް އުފެދުން ސްޓްރޯކް މިކަހަލަ ކަންތައްތައް ޚާއްސަކޮށް މިވެކްސިން ޖެހުމަށް ޓަރގެޓް ކުރާ ގުރޫޕްތަކަކީ އިތުރު ކަންތައްތައް ދިމާވާނެ ގުރޫޕްތައް. ދެން ވެކްސިންގެ ފޭސް 3ގެ ވެސް ގާތްގަނޑަކަށް 60 ހާސް މީހުންނަށް ވެސް ވަނީ ޖަހާފައި. އޭގެން އިތުރަށް ފާހަގަވެފައި ނެތް. ޔޫކޭ ޔޫރަޕިއަން ޔޫނިއަންގެ ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް ޖެހިއިރު އެމީހުން ވެކްސިން ދިނުމާއި ކުރިއާ ބަލާފައި މިހާރު އިތުރުވެފައިވާ ކަމަށް ފާހަގައެއް ނުވޭ. އެހެންވީމަ ޑަބްލިޔުއެޗްއޯއިން ވެސް ޔޫރަޕިއަން ޔޫނިއަނުން ވެސް ވެކްސިން ކުރިއަށް ގެންދަން ލަފާ ދީފައިވަނީ.
ޓެގްގައި ހިމެނިވަޑައިގަންނަވާ ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ދިނުމަށްފަހު ހަށިގަނޑުގައި ދީފާއީ ބާރު އުފެދުމަށް ނުވަތަ އެންޓި ބޮޑީ އުފެދެން ގާތްގަނޑަކަށް ދެހަފްތާ ނަގާ ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދޭން ޖެހޭ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވަނީ ގާތްގަނޑަށް 46 އިންސައްތައަށް ކަމަށްވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ގާތްގަނޑަށް އާބާދީގެ 70 އިންސައްތައަށް ވެކްސިން ދޭން ޖެހޭ ކަމަށެވެ. އަދި ވެކްސިންގެ ސަބަބުން ކުރާ އަސަރު ދެނެގަތުމަށް އަދި ދުވަސް ނަގާނެކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
100%
0%
ކޮމެންޓް