ކ. މާލެ
|
18 މާރޗް 2021 | ބުރާސްފަތި 07:37
ޒުވާން ލީޑަރުން ބިނާކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން
ޒުވާން ލީޑަރުން ބިނާކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން
ރާއްޖެއެމްވީ
މަދަނީ ޖަމްއިއްޔާތަކަށް އެހީވުން
ޖަމުއިއްޔާތަކުން ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
29 އޭޕްރީލްގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ
އެހީތެރިކަން ފޯރުކޮށްދެވޭނީ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަންކަންކުރުމަށް ހިންގާ މަޝްރޫއުތަކަށް
އެހީއަށް އެދި ހުށަހެޅޭނީ ގަވާއިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމުއިއްޔާތަކަށް

މަދަނީ ޖަމުއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނީ މަދަނީ ޖަމުއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، ގްރާންޓަށް އެދި ޕްރޮޕޯސަލް ހެދުމުގައި ދަތިތައް ދިމާވާކަމަށް މަދަނީ ޖަމއިއްޔާތަކުން އެދެމުންދާ ކަމަށެވެ.

14 ފެބްރުވަރީ 2021 އިއުލާނުގެ މުއްދަތު އިތުރުކޮށްފައިވާކަން ފާހަގަކޮށް ޔޫތު މިނިސްޓްރީން ބުނީ އެހީއަށް އެދި ހުށަހެޅޭނީ (ޖަމުޢިއްޔާތަކާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށްގެން ހިނގަމުންދާ ޖަމުއިއްޔާތަކަށް ކަމަށެވެ.

އެގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު/އަތޮޅު/ސިޓީ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް އެހީތެރިވެދޭ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އިޖުތިމާއީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުސޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.

ޔޫތް މިނިސްޓްރީން ބުނީ ކޮންމެ ޖަމުއިއްޔާއަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލް ކަމަށާއި، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޭޕްރީލް 2021 ވަނަދުވަހުގެ މެންދުރުފަހު 1:00 ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް