ކ. މާލެ
|
2 ޑިސެންބަރ 2021 | ބުރާސްފަތި 23:24
އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ރާއްޖެއެމްވީ
ޖިންސީ ކުށުގެ ގާނޫނު
ޖިންސީ ކުށުގެ ގާނޫނު: ކުށުގެ ވެއްޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވޭ
ޖިންސީ ކުށުގެ ގާނޫނެއް ވުޖޫދަށް އައީ 2014 ވަނަ އަހަރު
ރޭޕްގެ ކުށާއި، ޖިންސީ އަނިޔާ، އަދި ޖިންސީ ގޯނާގެ ކުށް ސާފު އިބާރާތުން މާނަކުރެވިފައިވުމަކީ މުހިންމު ކުރިއެރުމެއް

ޖިންސީ ކުށުގެ ގާނޫނަށް ގެނެސްފައިވަނީ މުހިންމު އަދި ތަހުޒީބީ އިސްލާހުތަކެއް ކަމަށާއި، ކުށުގެ ވެއްޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ގުޅިފައިވާ ޖަމިއްޔާތަކުން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުން ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހަށް ޖަމިއްޔާތަކުން މަރުހަބާ ކިޔައި ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މި އިސްލާހުތަކުގެ ސަބަބުން ޖިންސީ އަނިޔާއާއި ރޭޕްގެ ކުށުގެ ޝިކާރައަށްވާ ފަރާތްތަކަށް އިންސާފު ލިބުމުގެ މަގު ފަހިވެގެން ދާނެކަމުގެ އުންމީދު ލިބިފައިވާ ކަމަށެވެ.

ޖިންސީ ކުށުގެ ގާނޫނެއް ވުޖޫދަށް އައީ 2014 ވަނަ އަހަރުކަން ފާހަގަކޮށް ޖަމިއްޔާތަކުން ބުނީ، އެ ގާނޫނުގައިވާ މާއްދާތަކުގައި ހުރި އެތަކެއް އުނިކަންތައްތަކެއްގެ ސަބަބުން އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އިންސާފު ލިބުމަށްވުރެ ނުލިބުން އޮތީ ގާތްކަމަކަށް ވެފައިވާ ކަމަށެވެ. ރައްޔިތުންނާއި މަދަނީ މުޖުތަމައުން މިކަންކަމާބެހޭ ގޮތުން އަޑުއުފުލައި ކެނޑިނޭޅި ކަންބޮޑުވުންތައް ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދެވުމުގެ ނަތީޖާއެއްގެ ގޮތުން، ޖިންސީ ކުށުގެ ގާނޫނުގައިވާ ބައެއް އުނިކަންކަމަށް އިސްލާހު ގެނައުމަށް 29 ނޮވެމްބަރ 2021ގައި ޖިންސީ ކުށުގެ ގާނޫނަށް މުހިންމު އަދި ތަހުޒީބީ އިސްލާހުތަކެއް އެ މަޖިލިހުން ގެނެސްފައިވާކަން ޖަމިއްޔާތަކުން ބުނެއެވެ.

ޖަމިއްޔާތަކުން ބުނީ ފާސްކުރެވިފައިވާ އިސްލާހުތަކުގެ ތެރޭގައި ޚާއްސަ ގޮތެއްގައި ރޭޕްގެ ކުށާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ކުށް ސާފު އިބާރާތުން މާނަކުރެވިފައިވުމަކީ މުހިންމު ކުރިއެރުމެއް ކަމަށެވެ.

މީގެ އިތުރުން ޖަމިއްޔާތަކުން ބުނީ ޖިންސީކުށްތަކާއި ރޭޕްގެ ކުށްތަކަކީ ނޭއްގާނީ އަދި ލާއިންސާނީ ބޮޑު ޖަރީމާތަކެއް ކަމަށާއި، އެ ޖަރީމާތަކުގެ ޝިކާރައަށްވާ ފަރާތްތަކުގެ މުޅި އުމުރަށް ސިއްހީގޮތުންނާއި އެހެނިހެން ގޮތްގޮތުން އޭގެ ޖިސްމާނީ އަދި ނަފްސާނީ ނޭދެވޭ އަދި ދިގުދެމިގެންދާ އަސަރުތައް ދިރިއުޅުމަށް ކުރަމުންދާ ކަމަށެވެ. އަދި ކައިވެނީގެ ތެރޭގައި ކުރާ ރޭޕްއަކީ ހުރިހާ ހާލަތެއްގައި ވެސް ރޭޕްކަމަށް ކަނޑައެޅި މި އިސްލާހުތަކުގެ ތެރޭގައި ފާސްވެގެން ދިއުމަކީ، ދެކުނު އޭޝިއާގައި ވެސް މި ދާއިރާގެ ގާނޫނުތައް ކުރިއަރާފައިވާ އެހެން ގައުމުތަކާ ރާއްޖެ އެއްހަމަވެގެން އައިސްފައިވާ ކަމުގެ ހެއްކެއް ކަމަށް ބުނެފައިވެއެވެ.

މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ޖިންސީ އަނިޔާގެ ޖަރީމާއިން ދިވެހި މުޖުތަމައު ރައްކާތެރި ކުރުމަށް ގާނޫނީ ގޮތުން ކުރެވެންހުރި އެންމެހައި ކަންކަން ލަސްނުކޮށް ތަންފީޒީ އިދާރާތަކުން ފެނިގެން ދިއުމަށް އުންމީދު ކުރާ ކަމަށް ޖަމިއްޔާތަކުން ބުނެފައިވެއެވެ. އަދި ގާނޫނުގައި މިހާރު އޮތް ކަންކަމާއި އިސްލާހު ކުރެވޭ ކަންކަން ވެސް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމާބެހޭ މުއައްސަސާތަކުން، ޚާއްސަ ގޮތެއްގައި ތަހުގީގީ އިދާރާތަކުން، ތަންފީޒުކުރުން އަވަސް ކުރުމަށް ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް