މިއަހަރުގެ ދެ ވަނަ ކުއާޓަރގައި ފައިޒަރ އަދި ބައޯއެންޓެކް އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިންގެ އިތުރު 200 މިލިއަން ޑޯޒް ލިބޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފިއެވެ.
ދެވަނަ ކުއާޓަރގައި ލިބޭނެކަމަށް އީޔޫއިން ބުނެފައިވާ ވެކްސިންގެ ޑޯޒްތަކާ އެކު މިއަހަރަށް އީޔޫއިން ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލް ވެވޭނެ ކަމަށް ކަމާގުޅުން ހުރި ފަރާތްތަކުން ބުނެއެވެ. އީޔޫއިން ވަނީ މިއަހަރުގެ ސެޕްޓެމްބަރ މަސް ނިމޭއިރު އެއިއްތިހާދުގެ ގައުމުތަކުގެ 225 މިލިއަން މީހުންނަށް ވެކްސިން ޖަހަން އަމާޒު ހިފާފައެވެ. އެއީ އެ ގައުމުތަކުގެ 18 އަހަރުން މަތީގެ އާބާދީގެ 70 އިންސައްތަ މީހުންނެވެ.
ޔޫރަޕިއަން ޔޫނިއަނުން ވަނީ ދެވަނަ ކުއާޓަރގައި ލިބޭ 200 މިލިއަން ޑޯޒްގެ ތެރޭގައި ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރގައި ލިބޭނެކަމަށް އަންދާޒަކުރި ވެކްސިން ޑޯޒްތަކުގެ 10 މިލިއަން ޑޯޒް ހިމެނޭކަމަށެވެ. އީޔޫ އިން ވަނީ ފައިޒަރ އަދި ބައޯއެންޓެކް، ދެ ކުންފުންޏާ އެކު ވަކިވަކި އެއްބަސްވުންތަކުގައި ސޮއިކޮށް ވެކްސިންގެ ޖުމްލަ 600 މިލިއަން ޑޯޒް ގަނެފައެވެ.
ފައިޒަރއިން މިކަން ކަށަވަރުކޮށްދީފައިވާއިރު، ފައިޒަރ އަދި ބައޯއެންޓެކަށް ވަނީ އެކުންފުނިން ވެކްސިން އުފެއްދުމުގައި ލަސްކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައެވެ.
ދެވަނަ ކުއާޓަރ ގައި އީޔޫއަށް ފައިޒަރ ވެކްސިންގެ 200 މިލިއަން ޑޮޒް ލިބޭނެކަމަށް އިއުލާން ކުރިނަމަވެސް މީގެ ކުރިން ދެވަނަ ކުއާޓަރގައި ލިބޭނެކަމަށް އިއުލާނުކޮށްފައިވާ 300 މިލިއަން ވެކްސިން ޑޯޒްއަށް ބަދަލުތަކެއް އަންނާނެކަމަށް އަދި ހާމަކޮށްފައިނުވާކަމަށް ރިޕޯޓްތަކުގައިވެއެވެ. އެގޮތުން ދެވަނަ ކުއާޓަރގައި އީޔޫއަށް ޖޯންސަން އެންޑް ޖޯންސަންގެ 55 މިލިއަން ޑޯޒް އާއި މޮޑާނާގެ ކޮވިޑް-19 ވެކްސިންގެ 35 މިލިއަން ޑޯޒްގެ އިތުރުން އެސްޓްރަޒެނެކާ ވެކްސިންގެ 70 މިލިއަން ޑޯޒް ލިބޭނެ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.