ކޮންމެ ކުއްޖަކުވެސް ހެދިބޮޑުވެގެން އަންނަނީ ތަފާތު ކުއްޖެއްގެ ގޮތުގައެވެ. ކުއްޖާ ހެދި ބޮޑުވަމުން އަންނައިރު އެ ކުއްޖެއްގެ ހުނަރާއި ގާބިލް ކަން ދެނެގަނެވި ސަމާލުކަން ދެވިއްޖެ ނަމަ އެ ކުއްޖަކު އެ ރޮނގަކުން ކުރިއަރައި ދިއުމަށް މަގުފަހިވެއެވެ. މި ކަންކަން ގާތުން ބެލިއްޖެނަމަ އެ ކުއްޖާގެ ހުނަރު އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިވެދެވެއެވެ. އެގޮތުން އެންމެ ތުއްތު އިރުން ފެށިގެން ގުރުއާން ހިތު ދަސްކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުން އައި މުހައްމަދު އަޝްހަމް އަލީގެ މައިންބަފައިންނަށް އޭނާގެ ހުނަރާއި ގާބިލިއްޔަތު ދެނެގަނެވި އެ ހުނަރު ތަރައްގީކޮށް ކުރިއަރުވައިދިނުމަށްޓަކައި ކުރި ބުރަ މަސައްކަތާއި ދައްކާފައިވާ ހިތްވަރާއި ކެރުންތެރިކަމުގެ ސަބަބުން އަޝްހަމް ވަނީ އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވެފައެވެ. މިއަދު އެއީ ހާފިޒެކެވެ.
އަޝްހަމްގެ މަންމަ ޝިފާނާ ޔޫސުފް ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އަޝްހަމްގެ އުމުރުން 2 އަހަރުގައި މިޒާޖުގައި ހަލަނި ކަމެއް ހުރުމާއެކު ވާހަކަ ނުދައްކާތީ ޑޮކްޓަރަށް ދެއްކުމުން އެއީ އޯޓިޒަމް ހުންނަ ކުއްޖެ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އަދި ޑޮކްޓަރުން މިހެން ވިދާޅުވުމާއެކު އޯޓިޒަމް ސެންޓަރާއި ގުޅައިގެން ބެލިބެލުމުން އަޝްހަމްގެ އުމުރުން 2 އަހަރާއި ބައިގައި އެއީ އޯޓިޒަމް ކުއްޖެއްކަން ކަށަވަރުވެގެން ދިޔަކަމަށް ޝިފާނާ ކިޔަދިނެވެ. އަޝްހަމް އަކީ ތަފާތު ގޮތަކުން ގާބިލް ކުއްޖެކެވެ. އެހެން ކުދިންނާއި މިޒާޖު ތަފާތުވިސް އެންމެ ތުއްތު އިރުން ފެށިގެން ވެސް ގުރުއާން ކިޔެވުމާއި ގުރުއާން އަޑުއެހުމަށް އަދި ވަކިން ޚާއްސަކޮށް މާނައާއިއެކު ގުރުއާން ބެލުމަށް އަޝްހަމްގެ ޝައުގުވެރިކަން ހުންނަ ކަމަށް އޭނާގެ މައިންބަފައިން ކިޔައިދިނެވެ.
ޝިފާނާ ބުނީ 2017 ވަނަ އަހަރު އަޝްހަމް ދޮންދޫނި ޕްރީ ސްކޫލާއި ގުޅުނު ހިސާބުން ގުރުއާން ހިތުދަސް ކޮށްދިނުމުގެ މަސައްކަތް ފެށި ކަމަށެވެ. މިކަމުގައި ސްކޫލުން ވެދީފައިވާ އެހީތެރިކަން އަޝްހަމްގެ މައިންބަފައިން ފާހަގަ ކުރީ އުފަލާއެކުގައެވެ. އަޝްހަމްއާއި ސްކޫލުގެ މުދައްރިސުން އަދި އަޝްހަމްގެ މައިންބަފައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ އަޝްހަމްގެ އުމުރުން އެންމެ ފަސް އަހަރުގައި މުޅި ގުރުއާން ހިތުދަސްވެގެން ދިއުމެވެ. ނަމަވެސް މިޒާޖުގައި ހުރި ބައެއް ތަފާތުތަކުގެ ސަބަބުން ހިފްޒު އިމްތިހާން ކުރާ ކޮމެޓީއަށް ކިޔަދިނުމުގައި ލަސްތަކެއް ދިމާވީ ކަމަށް އަޝްހަމްގެ މަންމަ ޝިފާނާ ބުންޏެވެ. އެހާ ޅައުމުރުގައި ގުރުއާން ހިތުދަސްކުރުމުން އެއިރު ސައުދީ އެމްބަސީންވަނީ އަޝްހަމްގެ ކިޔެވުމަށް 1000 ޑޮލަރުގެ އެހީއެއް ދިީފައެވެ. މިއާއެކު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހިލޭ ކިޔެވުމުގެ ފުރުސަތު ވެސް ސައުދީ އެމްބަސީންވަނީ އަޝްހަމަށް ހަމަޖައްސައިދީފައެވެ.
ފަސް އަހަރުގައި އަޝްހަމް ގުރުއާން ހިތުދަސްކޮށްފި. ނަމަވެސް ހާފިޒެއް ކަމަށް ގަބޫލު ކުރާނީ ގުރުއާނާ ބެހޭ މަރުކަޒުން ޓެސްޓު ކުރުމަށް ފަހުގައި ކަމަށް ވާތީ އަޝްހަމް ހައިޕަރ ވީމަ އެކޮޅުން ބުނެލީ ރީތިކޮށް އިށީންދެ ހަމަޖެހިލައިގެން އިނދެ ކިޔެވޭނެ ވަރު ވުމުން އެކޮޅަށް ޓެސްޓު ކޮށްލަން އަންނަންއަޝްހަމްގެ މަންމަ ޝިފާނާ ޔޫސުފް
އަޝްހަމްގެ މައިންބަފައިން ކިޔައިދިން ގޮތުގައި އަޝްހަމްގެ މުޅި ދުވަސްހެން ހޭދަވެގެން ދަނީ ގުރުއާން ކިޔެވުމާއި މާނަ ބެލުމަށެވެ. އެގޮތުން އެންމެ ގިނައިން އަޝްހަމް ގުރުއާން ކިޔަވާ އެއް ގަޑިއަކީ ހެނދުނާއި ދެނަމާދު ވަގުތު ކަމަށް އަޝްހަމްގެ މަންމަ ކިޔައިދިނެވެ. އެދެ ގަޑިއަކީ ވަކިން ޚާއްސަ ސަމާލުކަމެއް ގުރުއާން ކިޔެވުމަށް ދީގެން ކިޔަވައިދިން ގަޑިއެއް ކަމަށް ވެސް ޝިފާނާ ބުންޏެވެ. މީގެ އިތުރުން ޝިފާނާ ވަނީ ހުރިހާ މައިންބަފައިންނަށް ޚާއްސަ ނަސޭހަތެއްވެސް ދީފައެވެ. ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމަށާއި ކުދިން ލައްވާ ގަދަކަމުން މައްސަކަތް ކުރުވުމުގެ ބަދަލުގައި ކުދިންނަށް ލޯބިދީގެން އެކުދިންގެ ޝައުގުވެރިކަމާއި ހުނަރާއި ގާބިލިއްޔަތު ތަރައްގީކޮށް ކުރިއެރުވުމަށް ޝިފާނާ ވަނީ ހުރިހާ މައިންބަފައިންގެ ކިބައިން އެދިފައެވެ.
އަޅުގަނޑު ބުނާނީ އެއްވެސް ކުއްޖަކު ލައްވާ ގަދަކަމުން ކަމެއް ނުކުރުވާށޭ. އެއީ އަސްލު ވަރަށް މުހިއްމު ކަމެކޭ. ކުދިންނަށް ވާވަރަކުން އެކުދިންގެ ޝައުގުވެރިކަން ނުގެއްލޭ ފަދަ ގޮތަކަށް ކަންކަން ކުރުމަކީ ހަމަ ވަރަށް މުހިއްމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީއަޝްހަމްގެ މަންމަ ޝިފާނާ ޔޫސުފް
ގުރުއާން ކިޔެވުމުގެ އިތުރަށް އަޝްހަމްއަކީ ބަންގި ބެލުމާއި އަޑުއެހުމުގެ އިތުރަށް ދީނީ ދަރުސް އަޑުއެހުމަށްވެސް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. ތަފާތުއެކި ގޮންޖެހުންތަކަކާއިއެކު ވެސް އަޝްހަމަ މި ވަނީ އޭނާގެ ހުނަރާއި ގާބިލުކަން އެންމެނަށް ދައްކާލާފައެވެ. އޯޓިޒަމް އަދި އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްއޭޑީ) ހުއްޓަސް މިއީ ވާނެ ކަމެއްކަން އަޝްހަމް ވަނީ ސާބިތު ކޮށްދީފައެވެ. އޭނާގެ މައިންބަފައިންނާއި މުދައްރިސުންގެ އެއްބާރުލުމާއި ބުރަ މަސައްކަތުގެ ނަތީޖާ މިއަދު ވަރަށް ވެސް ފޮންޏެވެ. ކުޑަކުޑަ އަޝްހަމަށްޓަކައި މިއަދު މުޅި ގައުމު ފަޚުރުވެރިވެއެވެ.