ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ނައިބް ރައީސް ފައިސަލް ނަސީމް ހުންނެވީ އެމްޑީޕީއާއެކު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް އިންތިހާބާއި ގުޅޭ ގޮތުން ރައީސް ނަޝީދާއި ނައިބް ރައީސް ފައިސަލް ވަނީ ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރައްވާފައެވެ. މަޝްވަރާތަކަށްފަހު ނައިބްރައީސާއި އެކު ސައިފޮދެއް ހިއްޕަވަން އިންނެވި ފޮޓޯއެއް ޓްވީޓް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް ކެމްޕެއިންގައި ނައިބް ރައީސް ފައިސަލް ނަސީމް އެމްޑީޕީއާއެކު ހުންނެވި ކަމީ އެ މަނިކުފާނު ރާއްޖެއަށް ހެޔޮއެދިވަޑައިގަންނަވާ ކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ.
ރައީސް ނަޝީދު ވާހަކަފުޅަށް ނައިބް ރައީސް ވަނީ ތާއިދުކުރައްވާ ކަން ހާމަކުރައްވާފައެވެ. ރައީސް ނަޝީދުގެ ޓްވީޓް ރިޓްވީޓް ކުރައްވާ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރައީސް ނަޝީދާއި ބައްދަލުވެ ހިޔާލު ބަދަލުކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. އަދި ލޯކަލް ކައުންސިލް ކެމްޕެއިން ގައުމީވަންތަ އަދި ރައްކާތެރި ރޫހެއްގައި ކުރިއަށް ގެންގޮސް އިރާދަ ކުރެއްވިއްޔާ އަލިވިލޭނީ މާ އަލިގަނދަ ފަތިހަކަށް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ހަމަ އެ ދުވަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުވެސް ކައުންސިލް އިންތިހާބާއެކީގައި ކުރިއަށްދާނެއެވެ. އެމްޑީޕީން މިހާރު ވެސް އަންނަނީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރަށްވެހި ފަތިސްގެ ނަމުގައި ވަރޗުއަލް ކޮށް ކެމްޕެއިން ބާއްވަމުންނެވެ.
އެހެން އެއްވެސް ޕާޓީއަކުން އަދި މިހާތަނަށް އައި އިރު، ކެމްޕެއިން ފަށާފައި ނުވެއެވެ. އެމްޑީޕީގެ ކެމްޕެއިންގައި ހަރަކާތްތެރިވާނެ ކަމުގެ އިޝާރާތެއް ނައިބް ރައީސް ފައިސަލް ދެއްވާފައިވާ އިރު، އެމަނިކުފާނަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖޭޕީގެ ސްލޮޓްގައި ހުންނެވި ބޭފުޅެކެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް އިންތިހާބުގައި ކެންޑިޑޭޓުން ނެރެން ނިންމާފައިވާ އިރު އަދި އެއްވެސް ހަރަކާތެއް ފަށާފައި ނުވެއެވެ.
ނައިބް ރައީސް ސަރުކާރު ކޯލިޝަންގެ މައި ޕާޓީގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ކުރެއްވި އިރު، ނައިބް ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ހުންނެވި ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި މައްސަލައިގައި ޖޭޕީގެ ނުރުހުން ސަރުކާރަށް ކޮންމެވެސް ވަރަކަށް ވަނީ އަމާޒުވެފައެވެ.