ކ. މާލެ
|
9 މާރޗް 2021 | އަންގާރަ 18:58
ރާއްޖޭގެ ސުޕްރީމް ކޯޓް
ރާއްޖޭގެ ސުޕްރީމް ކޯޓް
އެޗްއާރސީއެމްގެ މައްޗަށް ހިންގި މައްސަލަ
ސުޕްރީމް ކޯޓުން އެޗްއާރސީއެމްގެ މެމްބަރުންގެ މައްޗަށް ހިންގި ސުއޯ މޯޓޫ މައްސަލަ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާ ހިލާފު!
 
މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ދައުލަތުން ކުރަންޖެހޭނެ ކަމެއް
 
އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ކޮމިޝަނުން މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަށް ހުރަސްއެޅިފައިވޭ
 
ސުއޯ މޯޓޫ މައްސަލައަށްފަހު ނެރެފައިވާ ގައިޑްލައިންގެ ނަތީޖާއަކީ ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސްއެޅިގެން ދިޔުން

ސުޕްރީމް ކޯޓުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) ގެ މެމްބަރުންގެ މައްޗަށް ހިންގި ސުއޯ މޯޓޫ މައްސަލަ އަކީ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާ ހިލާފުކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން އެޗްއާރސީއެމްގެ ކުރީގެ މެންބަރުން ކަމުގައިވާ އަލްފާޟިލް އަޙްމަދު ޠޮލާލް އާއި އަލްފާޟިލާ ޖީޙާން މަޙްމޫދު އެކުވެރި ދައުލަތް (އދ) ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި، 2 ނޮވެންބަރު 2020 ގައި އެ ކޮމިޓީއިން ވަނީ ގޮތް ނިންމައި، ކޮމިޓީގެ ވިއުސް އެޑޮޕްޓް ކޮށްފައެވެ. އަދި ކޮމިޓީގެ ވިއުސް 19 ފެބުރުވަރީ 2021 ގައި ރަސްމީކޮށް ދިވެހި ސަރުކާރާ ޙިއްސާކޮށްފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.  

އެގޮތުން، 25 ސެޕްޓެންބަރު 2016 ގައި ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅުއްވި މައްސަލާގައި، ސުޕްރީމް ކޯޓުން 2014 ގައި އެޗްއާރްސީއެމްއާ ދެކޮޅަށް އޭރު ހިންގާފައިވާ މައްސަލައާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ދެވަނަ ސައިކަލްއަށް ހުށަހެޅި ރިޕޯޓަކީ ގާނޫނާ ހިލާފު، ވަކި ކޮޅަކަށް ބުރަވެފައިވާ އަދި އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ގެއްލޭ ރިޕޯޓެއްކަމަށް ނިންމުމާއި، އެޗްއާރސީއެމްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި އދ އަށް މައުލޫމާތު ހިއްސާކުރުމުގައި އެ ކޮމިޝަނުގެ ދައުރު ހަނިވެގެންދާގޮތަށް އަމަލުކުރަންޖެހޭ ވަކި ގައިޑްލައިންއެއް ކަނޑައެޅުއްވުމުގެ ސަބަބުން އެ ކޮމިޝަނުގެ މެންބަރުންނަށް މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ ގެ 19 ވަނަ މާއްދާއިން ލިބިދޭ ހައްގަށް އުނިކަން އައިސްފައިވާ ކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

މީގެ އިތުރުން އެބަޔާނުގައު ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުން 2014 ގައި ހިންގި ސުއޯ މޯޓޫ މައްސަލައަށްފަހު ނެރެފައިވާ ގައިޑްލައިންގެ ނަތީޖާއަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކާ ގުޅޭ ގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސްއެޅިގެން ދިޔުންކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ކަނޑައަޅާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކުރާ ކަންތައްތަކާއި އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ކޮމިޝަނުން މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަށް ހުރަސްއެޅިފައިވާކަން އެ ކޮމިޓީއިން ފާހަގަކޮށްފައިވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ހިންގާފައިވާ ސުއޯ މޯޓޫ މައްސަލައަށް ބެލުމަށްފަހު، އދގެ ހިއުމަން ރައިޓްސް ކޮމިޓީން ކަނޑައަޅާފައިވާ ވަނީ އެޗްއާރްސީއެމްއަށް ކޯޓުން ކޮށްފައިވާ ތުހުމަތުތަކާއި ފާހަގަކޮށްފައިވާ ކަންކަމާއި ނެރެފައިވާ ގައިޑްލައިނަކީ ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު "ގައިދުކުރުން" ކަމަށެވެ. އެއީ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ 19 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ކަނޑައެޅޭ ވަކި މުހިންމު މަގްސަދެއް ހާސިލްކުރުމަށް ގައިދުކޮށްފައިވާ ގައިދުކުރުމެއް ކަމަށް ނުބެލެވޭނެކަމަށް އދގެ ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ ކަނޑައަޅާފައި ކަމަށާއި މުސްތަގުބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ދައުލަތުން ކުރަންޖެހޭނެ ކަމެއް ކަމަށް ނިންމާފައިވާ ކަމަށް އެޓަރނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެއެވެ.

އެޗްއާރްސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގެ ގާނޫނީ ބާރު ނިމުމަކަށް ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުއެވެ. މަޖިލީހުން އެ އިސްލާހު ފާސްކޮށް، 22 ސެޕްޓެންބަރު 2020ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން، އިސްވެ ދެންނެވި ގައިޑްލައިންގެ ގާނޫނީ ބާރު ވަނީ ނިމުމަކަށް އައިސްފައެވެ. އަދި ގާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން، ގާނޫނުއަސާސީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މަތިކޮށްފައިވާ އެންމެހާ ޒިންމާތައް މިނިވަންކަމާއެކު އަދާކުރުމުގެ ފުރިހަމަ ފުރުޞަތު ފަހިވެގެންދެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު
ތިމާވެއްޓަށް އަސަރުކޮށްގެން މަޝްރޫއެއް ހުއްޓާލާ ޙާލަތުގައި ބަދަލުދޭން ނުޖެހޭ ފަދަ މާއްދާއެއް ދައުލަތުން ހިމަނަންޖެހޭ: ހުސްނުއްސުއޫދު
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މިރުޒާގެ ވާރިސުންގެ މައާފާއެކު މަރުގެ އަދަބުން ސަލާމަތްވި ނަޒީފަށް ޤާނޫނީ އަދަބު ދިނުމުގެ މައްސަލައިގެ އަޑުއެހުން ކެންސަލް