ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމަށް އާއިޝަތު ސަމާހު ހަމަޖައްސައިފިއެވެ.
ސަމާހު ވަނީ ބޭންކުގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައެވެ. 2009 ވަނަ އަހަރުން ފެށިގެން ސަމާހު އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ވެސް އަދާކުރަމުންނެވެ. ބޭންކިންގ އަދި ގާނޫނީ ދާއިރާއިން އޭނާ ހާސިލްކޮށްފައިވާ ތައުލީމާއި ހޯއްދަވާފައިވާ ތަޖުރިބާއާ އެކު ސަމާހުވަނީ ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތައް ހިފެހެއްޓެވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މި މަގާމަށް އައްޔަން ކުރުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގައެވެ. އަދި ކޮމްޕެނީ ސެކްރެޓަރީގެ މަގާމުގައި ދެމިހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ސަމާހު ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ދިވެހި ބޭފުޅަކު އައު މަގާމަކާއެކު ބޭންކުގެ ލީޑަރޝިޕް ޓީމަށް އައްޔަންކުރެވިގެން ދިޔުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ.
ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ ގޮތުގައި ސަމާހު ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން. ސަމާހު ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ދިވެހި ބޭފުޅަކު އައު މަގާމަކާއެކު ބޭންކުގެ ލީޑަރޝިޕް ޓީމަށް އައްޔަންކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމެއް. ސަމާހު އަށް އިތުރު ކާމިޔާބީއަށް އެދެން.ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ
ބޭންކުގެ އޮނިގަނޑަށް ގެނެވުނު އިތުރު ބަދަލުތައް ވެސް ވަނީ ހާމަކޮށްފައެެވެ. އެގޮތުން ބޭންކުގެ ޑިޖިޓަލައިޒޭޝަން ސްޓެރެޓެޖީއާ އެއް ގޮތަށް މަސައްކަތް ބައްޓަންކުރުމުގެ ގޮތުން ކާޑްސް އެންޑް ޑިޖިޓަލް ބޭންކިންގ ވަނީ އަލަށް އެކުލަވާލެވުނު ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ ޑިވިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.
މީގެ އިތުުރުން މަރިޔަމް ޙަމީދު ވަނީ ބޭންކުގެ ޗީފް ކޮމްޕްލަޔަންސް އޮފިސަރގެ މަގާމަށް އައްޔަންކޮށްފައެވެ. މިއާއެކު ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މަރިޔަމް ހުންނެވީ ހެޑް އޮފް ސެންޓްރަލައިޒްޑް ސަރވިސަސްގެ މަގާމުގައެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުނި ވެސް މެއެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.