ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޕާޓީއެއް ބޭއްވުމަށްޓަކައި ރަށެއް 50 މިލިއަން ޑޮލަރަށް ކުއްޔަށް ހިފި ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފިއެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވޯލް ސްޓްރީޓް ޖާނަލްގެ ދެނޫސްވެރިޔަކު ލިޔުނު ފޮތެއް ކަމަށްވާ "ބްލަޑް އެންޑް އޮއިލް: މުހައްމަދު ބިން ސަލްމާންސް ރޫތްލަސް ކުއެސްޓް ފޯ ގްލޯބަލް ޕަވަރ" ގައި ވާގޮތުން މުހައްމަދު ބިން ސަލްމާން ޕާޓީއެއް ބޭއްވުމަށްޓަކައި ރަށެއް 50 މިލިއަން ޑޮލަރަށް ކުއްޔަށް ހިފާފައިވެއެވެ. އަދި މި ދަތުރުގައި ނަން މަޝްހޫރު ލަވަކިޔުންތެރިންކަމަށްވާ ޖެނިފަރ ލޮޕޭޒްއާއި ޝަކީރާ ޕިޓްބުލް ވެސް ގެނެސްފައިވެއެވެ.
މުހައްމަދު ބިން ސަލްމާން ކުއްޔަށް ހިފިކަމަށް ބުނެފައިވަނީ ރާއްޖޭގެ ރަށެކެވެ. 2015 ވަނައަހަރު ސައުދީ އަރަބިއްޔާގެ ވަލީއަހުދު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށްޓަކައި އައިސްފައިވާއިރު މި ފޮތުގައި ބުނެފައިވާގޮތުން އޭނާ ވަނީ ޕާޓީ ކުރުމަށްޓަކައި ރަޝިޔާ، ބްލެޒިލް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 މޮޑެލްއިން ރާއްޖެ ގެނެސްފައެވެ.
އފޮތުގައި ބުނެފައިވާ ގޮތުގައި މުހައްމަދު ވެލާ ރިސޯޓް ކުއްޔަށް ހިފައިގެން ހުރެ ޗުއްޓީ ހޭދަކުރިއިރު ރިސޯޓްގައި 300 މުވައްޒަފުން ތިއްބެވެ. ޗުއްޓީ ނިންމާފައި ފުރިއިރު ކޮންމެ މުވައްޒަފަކަށް ޓިޕްސްގެ ގޮތުގައި މުހައްމަދު 5000 އެމެރިކާ ޑޮލަރު ދިން ކަމަށް ވެސް ފޮތުގައި ބުނެފައިވެއެވެ. ނަމަވެސް ފޮތުގައި ބުނެފައި ވަނީ ވެލާ ރިސޯޓްގެ މުވައްޒަފުންނަށް އާއްމު ގޮތެއްގައި އެއްމަސް ދުވަހުން ޓިޕްސްގެ ގޮތުގައި ލިބެނީ 1000 ޑޮލަރާއި 1200 ޑޮލަރާ ދެމެދުގެ އަދަދެއް ކަމަށެވެ.