ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 17:37
ކޮވިޑް-19 އާ ގުޅިގެން އާރުއާރުޓީން މަސައްކަތް ކުރަނީ
ކޮވިޑް-19 އާ ގުޅިގެން އާރުއާރުޓީން މަސައްކަތް ކުރަނީ
ސަން އޮންލައިން
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު
ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު 12 ވަނަ ފަހަރަށް އިތުރުކޮށްފި
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވަނީ އެޕްރީލް މަހުގެ 4 ވަނަ ދުވަހާ ހަމައަށް
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރީ ކޮވިޑްގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭތީ
ކޮވިޑާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައި

އިތުރު އެއް މަސް ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ނިންމައިފިއެވެ.

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުުރު ކޮށްފައިވަނީ ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުންކަމަށެވެ. އެހެން ކަމުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އެޕްރީލް މަހުގެ 4 ވަނަ ދުވަހާ ހަަމަޔަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އޭގެއިތުރުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު 12 ވަނަ ފަހަރަށް އިތުރުކުރީ ކޮވިޑްގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީ ކަމަށްވެސް ބަޔާނުގައިވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވަނީ، ކޮވިޑް-19ގެ ކޭސްތަކެއް ރާއްޖެއިން ފެނުމާ ގުޅިން 2020 ވަނަ އަހަރުގެ މަރޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މައިމޫނާ އަބޫބަކުރަށް ބޮޑެތި ބާރުތަކެއް ލިބެއެވެ.

އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 12 ވަނަ ފަހަރަށް އިތުރުކުރިއިރު ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު ވަނީ ގޯސްވެ ކޮވިޑްގެ 3 ވަނަ ރާޅު ބިންދާލާފައިކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން ކޮވިޑްގެ އައު ވޭރިއަންޓް ރާއްޖެއިން ފެނިފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)ން ވަނީ ބުނެފައެވެ.

ރާއްޖޭގެ މިވަގުތުގެ ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން ސަރުކާރަށް ކޮންސަލްޓަންސީ ފޯރުކޮށްދެއްވާ ޝީނާ މޫސާ ވިދާޅުވީ ކޮވިޑް-19 ފެތުރޭ ވަރަށް ބަލައިގެން ދުނިޔޭގެ ގައުމުތައް ގިންތި ކުރާނަމަ ރާއްޖެއަކީ މިހާރު ނުރައްކާ އެންމެ ބޮޑު ކެޓަގަރީއަށް ފެެތޭ އެއް ގައުމު ކަމަށެވެ. ކޮވިޑްގެ އާ ވޭރިއަންޓްތަކުގެ ތެރެއިން އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓް ރާއްޖޭގައި މިހާރު ވަރަށް ގިނަ ވެފައިވާ ކަމަށް ދިރާސާއާއަކާ ޙަވާލާދެއްވައި ޑރ. ޝީނާ ވިދާޅުވެފައިވެއެވެ. އެގޮތުން ރާއްޖެއިން މިހާރު ފެންނަ ކޮވިޑް ކޭސްތަކުގެ 30 ޕަސެންޓަކީ ޔޫކޭ ވޭރިއަންޓެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 20،280ށް އަރާފައިވާއިރު މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 2615 ކޭހެއް އަންނަނީ ރިޕޯޓްކުރަމުންނެވެ. އަދި މިބަލި ޖެހިފައިވާ މީހުންގެ ތެރެއިން 187 މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދިޔުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ކޮވިޑްގެ 3 ވަނަ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު، 100ން މަތިން ކޭސްތައް ރިޕޯޓްކުރަމުން އަންނަތާ ދޮޅު މަސް ދުވަސް ވަނީ ވެފައެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް އާންމުންގެ ފަރާތުން އެންމެ އެކަށޭނެ އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8:00ން ފެށިގެން ކެފޭ ރެސްޓޯރަންޓްތަކުން ޑައިން އިން މަނާކުރުމާއި، އިރުއޮއްސި 6:00ން ހެނދުނު 6:00ށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމުގެ އިތުރުން ރޭގަނޑު 11:00ން ފަތިހު 4:30ށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެއްފަހަރާ 10 މީހުންނަށްވުރެ އިތުރަށް އެއްތަނަކަށް އެއް ނުވުމާއި، ޕާޓީތަކާއި ހަފްލާތަކާއި އެއްވުންތައް ބޭއްވުން މަނާކޮށްފައިވާއިރު، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމަށް ވަނީ އަންގާފައެވެ.

- ކޮމެންޓް