ރާއްޖެއިން އިތުރު 5700 މީހުން ކޮވިޑް-19 ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ހޯމަ ދުވަހު މާލެ ސަރަހައްދުން 2،088 މީހުންނާއި އަތޮޅުތެރެއިން 3،612 މީހުން ވަނީ ކޮވިޑް-19 ވެކްސިން ޖަހާފައިއެވެ.
މިއާއެކު މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 117،115ށް އަރާފައިވާއިރު، އޭގެތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 77،251 މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 39،864 މީހުންނަށެވެ.
ފެބްރުއަރީ އެއް ވަނަ ދުވަހު ރާއްޖޭގެ ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދަމުންނެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދާއިރު، ހައިރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ އިސްކަމެއްދެއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސަައްކަތްކުރާ މީހުންނަށް އިސްކަންދިނުމުގެ ކަންތައްތައް ފަށާފައިވާއިރު، ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ކުންފުނިތަކާއި ކުޅިވަރު ކުލަބު ޖަމިއްޔާތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުވައްޒަފުން، ގުރޫޕު ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައިވެސް ހިމެނޭ މީހުން އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނެ ވަކި އިދާރާއެއް ވަނީ ކަނޑައަޅާފައެވެ. އަދި ދިވެހި ރެޑްކްރެސެންޓުން އިސްނަގައިގެން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވެކްސިން ޖެހުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ވީހާވެސް ގިނަ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރަމުންދާއިރު، އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ ރައްކަލަކަށް އެފަދަ މީހުންގެ އެހީތެރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ދަނީ ބުނަމުންނެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ގެންދާއިރު، މިހާތަނަށް ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާރސިޓީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.