ކ. މާލެ
|
28 ފެބްރުއަރީ 2021 | އާދީއްތަ 09:40
ރިޔާސީ އިންތިޚާބު އޮބްޒާވް ކުރަން ރާއްޖެ އައި އޮބްޒާރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރިޔާސީ އިންތިޚާބު އޮބްޒާވް ކުރަން ރާއްޖެ އައި އޮބްޒާރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މުހައްމަދު ޝަރުހާން
އީސީގެ އޮޑިޓް ރިޕޯޓް
ރިޔާސީ އިންތިޚާބަށް ބޭރުން އައި އޮބްޒާވަރުންގެ ހުރުމާއި ކެއުން އަދި އޮފިޝަލް ޑިނަރ އަށް 1.3 މިލިއަން ރުފިޔާ ޚަރަދުކުރި!
އޮބްޒާވަރުންގެ ކަންތަކުގައި ޚަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް
ރިސެޕްޝަނެއް ފަދަ ކަމެއް ކުރުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހުރިތޯ ކަށަވަރު ކުރުމަށް އަންގާފައިވޭ

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި، ރާއްޖެއިން ބޭރުން އައި އޮބްޒާވަރުންގެ ހުރުމާއި ކެއުމާއި، އަދި އޮފިޝަލް ޑިނަރއަށް އިލެކްޝަންސް ކޮމިޝަންގެ ބަޖެޓުން އިއުލާނުކުރުމަކާ ނުލާ 1.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެ ކޮމިޝަންގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 14 ޖޫން 2018 ގައި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނެވުނު ފުރަތަމަ އިސްލާހުގައި ދައުލަތުގެ ގަވާއިދުގެ 8.19 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ އޮފީހަކަށް ޒިޔާރަތްކުރާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިއްޒަތްތެރިންނަށް އެ އޮފީހެއްގެ އެންމެ އިސްވެރިންގެ ފަރާތުން ރިސެޕްޝަނެއް ފަދަ ކަމެއް ކުރަންވާނީ އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހުރެގެން ކަމަށެވެ. އަދި އެކަން ކުރަންވާނީ ދައުލަތުގެ ޕްރޮކިއުމެންޓް އުސޫލާ އެއްގޮތަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.31 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޕްރޮކިއުމެންޓެއްގެ އަގު 35،000 ރުފިޔާއަށްވުރެ އިތުރުވާނަމަ އާންމުކޮށް އިއުލާންކުރަންވާނެ ކަމަށެވެ.

އެހެންނަމަވެސް 2018 ވަނަ އަހަރު ބެއްވުނު ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖެއިން ބޭރުން ވަޑައިގެންނެވި ފަރާތްތަކުގެ ހުރުމާއި ކެއުން އަދި އެބޭފުޅުންނަށް އޮފިޝަލް ޑިނަރއެއް ދިނުމަށް ޖުމްލަ 1،308،777ރ. (އެއް މިލިއަން ތިންލައްކަ އަށްހާސް ހަތްސަތޭކަ ހަތް ރުފިޔާ) ހަރަދުކޮށްފައިވާ އިރު، އާންމުކޮށް އިއުލާނު ކޮށްފައި ނުވާ ކަމަށެވެ. އަދި އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖެއިން ބޭރުން ވަޑިއިގަންނަވާ ފަރާތްތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުގެ ޕްލޭނިން ސެކްޝަނުން މާލޭގައި މި ހިދުމަތް ފޯރުކޮށްދޭ ތަންތަން ބަލައި ޗެކްކުރުމަށްފަހު، ބޭނުންވާ ހުރިހާ ހިދުމަތެއް ކޮމިޝަނުން ބޭނުންވާ ފެންވަރުގައި ފޯރުކޮށްދެވޭނެ ތަންތަން ފާހަގަކޮށްފައިވީ ނަމަވެސް އެފަދަ ތަންތަނުން ހޯދާފައިވާ ހިދުމަތްތަކާއި އަގު އެނގޭނެ ލިޔެކިޔުމެއް އޮޑިޓަރުންނަށް ލިބިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މިކަން އިސްލާހުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދިފައިވަނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ އޮފީހަކަށް ޒިޔާރަތްކުރާ ރާއްޖެއިން ބޭރުގެ އިއްޒަތްތެރިންނަށް އެ އޮފީހެއްގެ އެންމެ އިސްވެރިންގެ ފަރާތުން ރިސެޕްޝަނެއް ފަދަ ކަމެއް ކުރުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހުރިތޯ ކަށަވަރު ކުރުމަށް އަންގާ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރިއަށް ގެންދިއުމުގައި ދައުލަތުގެ ޕްރޮކިއުމެންޓް އުސޫލާ އެއްގޮތަށް ވެސް އަމަލުކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ޕްރޮކިއުމެންޓުގެ އަގު 35،000 ރުފިޔާއަށްވުރެ އިތުރުވާނަމަ، އާންމުކޮށް އިއުލާންކޮށްގެން މަސައްކަތް ނުވަތަ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް ވަނީ އަންގާފައެވެ.

- ކޮމެންޓް