ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަންތަނާ މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ގެ އަމުރަކަށް ކަމަށް އެކަން ތަހުގީގުކުރި އެމެރިކާގެ ތަހުގީގު ޓީމުތަކުގެ ރިޕޯޓުން ބުނި ބުނުން ސައުދީ އަރަބިއްޔާއިން ދޮގު ކޮށްފިއެވެ.
ހުކުރު ދުވަހު ސައުދީގެ ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސައުދީ ސަރުކާރުން މައްސަލަ ތަހުގީގުކޮށް ފިޔަވަޅުތައް އަޅަމުން ދަނިކޮށް މިފަދަ ތުހުމަތުތަކެއް ކޮށް އެއްވެސް އަސްލެއް ރިޕޯޓެއް ނެރެފައިވާތީ އެކަމާ އެގައުމުން ހިތާމަ ކުރާ ކަމަށެވެ. އަދި އެމެރިކާގެ ތަހުގީގުޔ ޓީމުތަކުގެ ރިޕޯޓު ދޮގު ކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ހުކުރު ދުވަހު އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް ހާމަކޮށްފައިވާއިރު މިރިޕޯޓުގައި ވަނީ ހާޝޮގްޖީ މަރާލުމުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ ބައިވެރިވުން އޮތްކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދީފައެވެ. ހާޝޮގްޖީ މަރާލާފައިވަނީ 2018 ވަނަ އަހަރުއެވެ. އޭގެފަހުން ހާޝޮގްޖީ މަރާލިގޮތުގެ ތަހުގީގު އެމެރިކާގެ އެންމެ އިސް އިންޓެލިޖެންސް އޮފިޝަލުން އަންނަނީ ކުރަމުންނެވެ.
މިރިޕޯޓް ހާމަކުރުމަށް އެމެރިކާގެ ކޮންގްރެސްއިން ޤާނޫނެއް ފާސްކޮށްފައިވީނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިރިޕޯޓް ހާމަނުކޮށް ފަސްކުރައްވާފައެވެ. އަދި ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އައިއިރުވެސް މިރިޕޯޓް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އެމެރިކާގެ އައު ރައީސް ޖޯ ބައިޑަން ވަނީ މިރިޕޯޓް ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ވޮޝިންގޓަން ޕޯސްޓްގައި ކޮލަމިސްޓެއްގެ ގޮތުގައި ލިޔަމުން އައި ހާޝޮގްޖީ މަރާލާފައިވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ލިޔުންތައް ލިޔަމުންދަނިކޮށެވެ. 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ހާޝޮގްޖީ މަރާލުމާއެކު އޭރުވެސް ގިނަ ބަޔަކު އެކިގޮތްގޮތުން ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ވަނީ އެކަމުގެ ތުހުމަތުގެ އިނގިލި ދިގުކޮށްފައެވެ.
ހާޝޮގްޖީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އެކަމާއި ގުޅިގެން މީގެކުރިން ވެސް ތުރުކީން ބުނަމުން އައިސްފައިވަނީ ހާޝޯގީ މަރާލުމަށް އަންގާފައިވަނީ ސައުދީގެ މަތީ ފަންތީގެ ބައެއްގެ އަމުރަށް ކަމަށެވެ. އަދި ހާޝޮގްޖީގެ މަރުގެ ތުހުމަތުތައް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އަމާޒުކުރަމުން ދިޔަނަމަވެސް ސައުދީ ސަރުކާރުން މިހާތަނަށްވެސް ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.
އުމުރުން 59 އަހަރުގައި ހަޝޯގީ މަރާލިއިރު، އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ "ވޮޝިންގޓަން ޕޯސްޓް" ގައެވެ.