ކ. މާލެ
|
25 ފެބްރުއަރީ 2021 | ބުރާސްފަތި 01:22
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރ، ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރ، ރޮޒައިނާ އާދަމް
ޝުއައިބް މުހައްމަދު އިގްބާލް
ރާއްޖޭއާ އިންޑިއާގެ ގުޅުން
ހާރިޖީ މިނިވަންކަން ގެއްލުނީ ރައީސް ޔާމީން ސަރުކާރުގައި - ރޮޒޭނާ
 
އިންޑިއާ އާ އޮންނަ ގުޅުމަކީ ރައީސް ޔާމީން ނޫން އެހެން ހުރިހާ ވެރިންގެ ދައުރުގައި ވެސް އޮތް ގުޅުމެެއް
 
މި ސަރުކާރުން އިންޑިއާއާ ގާތަސް އެހެން ހުރިހާ ގައުމަކާ ގާތް ގުޅުން އޮވޭ
 
ރައީސް ޔާމިން ސަރުކާރުގައި އިންޑިއާއާ ގުޅުން ނެތީ ޗައިނާގެ ބާރުގެ ސަބަބުން

ރާއްޖޭގެ ހާރިޖީ މިނިވަންކަން ވަކި ގައުމެއްގެ އަތް ދަށުވެ އެ މިނިވަންކަން ގެއްލުނީ މި ސަރުކާރުގައި ނޫން ކަމަށާއި، މިނިވަންކަން ގެއްލުނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމަށް ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް ބުދަ ދުވަހު އިދިކޮޅުން ޖަވާބުދީފައިވާއިރު، މި ހާލަތުގައި އިންޑިއާއިން ވަމުންދާ އެހީތައް ވެސް ސިފަކޮށްފައިވަނީ ދަންތުރައިގެ ގޮތުގައެވެ. އެކަމާ ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ އިންޑިއާއިން ރާއްޖެ އަޅުވެތިކުރަން އުޅޭ ކަމަށް ބުނެ އަދި އިންޑިއާ އާ އޮންނަ ގުޅުމެއްގެ ސަބަބުން ރާއްޖެއާ އެހެން ގައުމުތަކާ އޮންނަ ގުޅުމަށް އަސަރުކުރާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ކަންކަން ހިނގާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި އެކަން ހެއްކާއެކު ސާބިތުވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

Advertisement

ރޮޒައިނާ ވިދާޅުވީ މި ސަރުކާރާ އިންޑިއާ ދެމެދު އޮންނަ ގުޅުމަށް ފާޑު ކިޔައި އިދިކޮޅުން ވާހަކަދައްކާއިރު، މި ސަރުކާރުން ގެންގުޅެނީ ނެއިބާ ހުޑް ފަސްޓް ގެ ސިޔާސަތެއް ކަމަށެވެ. އެއީ ގައުމަށް ކަމެއް ދިމާވާ ވަގުތެއްގައި އެންމެ އަވަހަށް އެންމެ ގާތުން އެހީވެވެން އޮންނާނީ އެންމެ ކައިރި ގައުމަކަށްވާތީ އެ އުސޫލު އެހެން ގެންގުޅުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

މިސާލަކަށް ރައީސް ޔާމިންގެ ވެރިކަމުގައި ވެސް ވޯޓާ ކްރައިސިސް އައި އިރު، އިންޑިއާއިން އެންމެ އަވަހަށް އަޅުގަނޑުމެންނަށް ފެން ފޯރުކޮށްދިނީ. މިއީ އަޅުގަނޑުމެންނަށް ދޮގު ކުރެވޭނެ ހަގީގަތެއް ނޫން. އެހާ ކައިރީގަ އޮންނަ ގައުމުން ވެދޭ އެހީތެރިކަމެއް ދުރު ގައުމަކަށް އެ ބޭނުންވާ ވަގުތުގައެއް އައިސް ނުދެވޭނެކަން ގާބުލުކުރަން ޖެހޭ.
ރޮޒައިނާ އާދަމް

ރޮޒައިނާ ވިދާޅުވީ އެ ގާތް ގުޅުމަކީ ވަކި ރައީސް ސޯލިހުގެ ސަރުކާރުގައި އެކަނި އޮތް ގުޅުމެއް ނޫން ކަމަށާއި ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ބެލިޔަސް ހުރިހާ ސަރުކާރެއްގައި ވެސް އެ ގުޅުން އޮތް ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ ދުރުކޮށްލީ ހަމައެކަނި ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އިންޑިއާ އާއި ޑިފެންސް މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ވާހަކަ ހަރުކޮށް އިދިކޮޅުން ދައްކާއިރު އެ އެއްބަސްވުމަކީ ވެސް ހުރިހާ ސަރުކާރެއްގައި މަޝްވަރާ ކުރަމުން އައިސް މި ސަރުކާރުގައި ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ. އަދި އެކަން މަޑުޖެހުނީ ރައީސް ޔާމިންގެ ސަރުކާރުގައި ކަމަށް ވިދާޅުވެ އެއީ ރައީސް ޔާމީންއާ ޗައިނާ އާ އޮތް ގުޅުމުގެ ސަބަބުން ވީ ކަމެއް ކަމަށް ތުހުމަތުކުރެއްވިއެވެ.

ފަހަރެއްގަ ވެދާނެ ޗައިނާ އާ އެކީ އެ އޮތް ގުޅުމާ ޗައިނާގެ އެހީތެރިކަން އެގޮތް މިގޮތުން ބޭނުން ކުރަމުން އެތައް ބައިވަރު ލޯނުތަކެއް ނަގަމުން ދިޔަ އިރު އޭގެ ތެރޭގައި ދެން، އެތައް ފައިސާއެއް އެތައް ބައެއްގެ އަމިއްލަ ޖީބަށް ވެސް ދިޔަ ވާހަކަ އަޅުގަނޑުމެން އަޑު އެހިން. އެހެންވެ އެކަމުގެ ތެރޭގައި އަސްލު ޗައިނާގެ ރުހުން ނުލިބިގެން މި އެގްރިމަންޓުގައި ސޮއި ނުކުރެވި އޮތީ.
ރޮޒައިނާ އާދަމް

ރޮޒައިނާ ވިދާޅުވީ ރާއްޖެ އަކީ އެއްވެސް ގައުމެއްގެ ހުއްދައެއް ބޭނުންވާން ޖެހޭނެ ގައުމެއް ނޫން ކަމަށެވެ. އަދި ގައުމަށް ފައިދާވާ ކަމެއް ނަމަ އިތުރު ބައެއްގެ ހުއްދައަކާ ނުލައި އެކަމެއް ކުރުމުގެ ގާބިލްކަން ރާއްޖޭގައި އޮންނާނެ ކަމަށާއި، އެކަން އެހެން ވާން ޖެހޭނެ ކަމަށެވެ. އެގޮތުން މި ސަރުކާރުން ދައްކަނީ އެ މަންޒަރު ކަމަށާއި އިންޑިއާއާ ގާތް ގުޅުމެއް އޮންނަ އިރު ވެސް ޗައިނާ އަދި އެ ނޫން ގައުމުތަކާ އެކު ވާން ޖެހޭ އެއްބަސްވުންތައް ވެސް ވެ އެހީތައް ވެސް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ގެންގުޅުނީ ވަރަށް ނުކިއްސަރު ހާރިޖީ ސިޔާސަތެއް ކަމަށެވެ. ދުނިޔެ ބަވަނަވެ އެއްގައުމު އަނެއް ގައުމާ ގުޅިގެން މަސައްކަތް ކުރާ އިރު އެއް ގައުމު އަނެއް ގައުމުގެ ކަންކަމުގައި ހިޔާލާއި މަޝްވަރާ ދިނުމާއި، ހިޔާލުފާޅުކުރުމަކީ ކުރަން ޖެހޭ އަދި އޮތް ކަމެއް ކަމަށް ވިދާޅުވިއެވެ. އެކަމަކު ރައީސް ޔާމީންގެ ސަރުކާރުގައި ފެނުނީ އެއްޗެއް ބުނާ ކޮންމެ ބަޔަކާ ވަކިވެގަންނަ މަންޒަރު ކަމަށާއި، އެއްވެސް ބަޔަކާ ގުޅިގެން މަސައްކަތް ކުރުމުގެ ސިޔާސަތެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައީސް ޔާމީންގެ ދައުރުގައި ރާއްޖެ ކޮމަންވެލްތުން ވަކިވެގަނެފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ އެއީ ވެސް އެ ސަރުކާރުގައި އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގަމުން އައި ލާއިންސާނީ އަމަލުތަކަށް ފާޑުކިޔައި ބަސްބުނުމުން ކުރި ކަމެއް ކަމަށެވެ. ރޮޒައިނާ ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކާ މެދު އިދިކޮޅަށް ބަސް ބުނުމުގެ ހައްގު ނޯންނާނެ ކަމަށެވެ. މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަކީ ރައީސް ޔާމިންގެ ދައުރާ އަޅާ ބަލާއިރު އެތައް ގޮތަކުން ރަނގަޅު ސިޔާސަތެއްކަން ފާހަގަކުރައްވައި ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ ހުރިހާ ގައުމުތަކާ ވެސް ގުޅިގެން ހުރިހާ ގައުމެއްގެ އެހީތެރިކަމާ ވެސް އެކީގައި ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
29%
0%
0%
29%
43%
ކޮމެންޓް
25 ފެބްރުއަރީ 2021 | ބުރާސްފަތި 13:01
garadabangulhi
bafaa ah kaafa gelluneeves...........
ގުޅުންހުރި