ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ހ.ތިމާވެށި އަބްދުﷲ ޖާބިރު ވަކިކޮށް، މަޖިލިސްގެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމައިފިއެވެ.
ހޯމަ ދުވަހު އެމްޑީޕީން ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާ ކާމިޔާބުކުރެއްވި ޖާބިރު، އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާ ކަމަށެވެ.
މި ކަމަކީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތަށް އުނިކަންލިބޭ ފަދަ އަމަލެއްކަމުގައިވާތީ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު ޖާބިރު މަޖިލިސްގެ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އަދި ހޯމަ ދުވަހުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
މީގެ އިތުރުން އެމްޑީޕީން ބުނީ ޖާބިރު ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައިވީ ނަމަވެސް އެފުރުސަތު ލިބޭނީ ޕާޓީގެ ގައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާ ގޮތެއްގެ މަތިން ކަމަށެވެ.
ޕާޓީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައިވީނަމަވެސް ޖާބިރު ޕާޓީގެ މެންބަރަކަށްވާ ދުވަހުން ފެށިގެން މީލާދީ 5 އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވެސް ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގެ ވެސް ކާށިދޫ ދާއިރާގެ މެންބަރަކަށް ހުންނަވާ ޖާބިރު، ބޭއަދަބީ ބަހުރުވައިން މުއާމަލާތް ކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މެންބަރު ޖާބިރަށް އަމާޒުވެފައިވެއެވެ.