ފެނާއި ލުއިބުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ހުރުން ބިއްލޫރި ފުޅިއަށް ބަދަލުކުރުމަކީ އެކަށީގެންވާ ހައްލެން ނޫންކަމަށް މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން ބުނެފިއެވެ.
މޯޕާއިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ އެއްފަހަރު ބޭނުންކުރެވޭ ބާވަތުގެ ޕްލާސްޓިކްގެ ސަބަބުން ރާއްޖެއަށް ކުރާ އިޤްތިޞާދީ އަދި އިޖުތިމާޢީ އަސަރުތަކާބެހޭ ދިރާސީ ރިޕޯޓުގައިވާ ގޮތުން، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތަކެތި ބިއްލޫރި ފުޅިއަށް ބަދަލުކުރުމަކީ އެކަށީގެންވާ ހައްލެއް ނޫން ކަމަށެވެ. އޭގެ ސަބަބެއް ކަމަށް މޯޕާއިން ފާހަގަކޮށްފައި ވަނީ ޕްލާސްޓިކް އުފެއްދުމުގައި ބޭރުވާ ގްރީންހައުސް ގޭސްގެ މިންވަރަށް ވުރެ އިތުރަށް ބިއްލޫރި އުފެއްދުމުގައި ގްރީންހައުސް ގޭސް ބޭރުވާ ކަމެވެ. އަދި ބިއްލޫރި ފުޅިއަކީ ގެންގުޅުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުން އުނދަގޫ އެއްޗަކަށް ވުމާއެކު، ބިއްލޫރި ފުޅިއަށް ބަދަލުކުރުމަކީ އޭގެ ބޭނުންކުރާ ފަރާތްތަކަށް ނިސްބަތުން އަގު ބޮޑުވާނެ ކަމެއްކަމަށް މޯޕާއިން ފާހަގަކުރެއެވެ.
ރާއްޖޭގެ ގޭބިސީތަކުގެ 57 އިންސައްތަ، ފެނުގެ ގޮތުގައި ބޭނުންކުރަނީ ޕެޓް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނަމަވެސް، ރާއްޖޭގައި އުފެދޭ ކުނީގެ ނިސްބަތުން ޕެޓް ފުޅީގެ ހިއްސާއަކީ އެއް އިންސައްތަ ކަމަށް ރިޕޯޓްގައިވެއެވެ. އަދި ފެނާއި ލުއިބުއިމުގެ ގޮތުގައި، ރާއްޖޭގައި އަހަރަކު 3300 ޓަނު، ނުވަތަ 143 މިލިއަން ފްލާސްޓިކް ފުޅި އުފައްދާ އިރު، ޕްލާސްޓިކް ފުޅި އުފައްދާ، ވިއްކާ އަމިއްލަ ކުންފުނިތަކަށް، އާމްދަނީގެ ގޮތުގައި އަހަރަކު 933 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ލިބޭ ކަމަށް ރިޕޯޓްގައިވެއެވެ. ރިޕޯޓްގައިވާ ގޮތުން، މި ވިޔަފާރިތަކުން 148 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ އާމްދަނީ ޖީއެސްޓީގެ ގޮތުގައި ދައުލަތުގެ މާލިއްޔަތަށް ލިބެއެވެ.
މޯޕާއިން ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ދެ އިންސައްތަ ނިސްބަތްވާ ޕްލާސްޓިކް ފުޅީގައި ބުއިން ބަންދުކުރާ ވިޔަފާރިއަކީ ނިސްބަތުން ބޮޑު ޤައުމީ އިޤްތިޞާދީ އުފެއްދުމުގެ ދާއިރާއެއް ކަމަށް ފާހަގަކޮށްފައެވެ.
ރާއްޖޭގައި އުފެދޭ ކުނީގެ ނިސްބަތުން ޕްލާސްޓިކްގެ ނިސްބަތް ކުޑަ ނަމަވެސް އެއީ ވަރަށްބޮޑަށް ފާހަގަވާ ބާވަތެއް ކަމަށާއި އޭގެ ސަބަބުން ތިމާވެއްޓަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ރިޕޯޓްގައިވެއެވެ. އަދި ކުނީގެ ބާވަތްތައް ވަކިކުރެވޭނެ އިންތިޒާމެއް ނެތުމާއި، ކުނި ނައްތާލުމުގައި ޕްލާސްޓިކް ރީސައިކަލްކުރެވޭނެ ނިޒާމެއް ހިމެނިފައިނުވުމުން، ނޭދެވޭގޮތެއްގައި އުކައިލެވޭ ނުވަތަ ދޫކޮށްލެވޭ ކުނީގެ ނިސްބަތް ރާއްޖޭގައި ހުރީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ މަތީ ނިސްބަތެއްކަމުގައިވާ 66 އިންސައްތައިގައި ކަމަށް މޯޕާގެ ރިޕޯޓްގައިވެއެވެ.
މިރިޕޯޓަކީ މޯޕާއިން އިސްވެ އެން.އައި.ޖީ ކެޕިޓަލްގެ މާހިރުންނާ ހަވާލުކޮށް ކުރިއަށް ގެންދިޔަ ދިރާސާގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. މި ދިރާސާގައި ރާއްޖޭގައި ޕެޓް ޕްލާސްޓިކް ބޭނުންކުރެވޭ ގޮތާމެދު ވަރަށް ފުޅާ ދާއިރާއެއްގައި ޢިލްމީ ދިރާސާތަކެއްކޮށް، ޕްލާސްޓިކްގެ ބާވަތްތައް ގައުމަށް އެތެރެކުރުމާއި، ރާއްޖޭގައި އެފަދަ ބާވަތްތައް އުފެއްދުމުގެ އިތުރުން، ބޭނުންކުރެވޭ މިންވަރަށް އަލިއަޅުވާލާފައިވެއެވެ. އަދި ޕެޓް ޕްލާސްޓިކް މަދުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެއްގޮތަށް، ރީސައިކަލް ކުރުމުގެ ތެރެއިން މިބާވަތްތައް އުކާލެވޭ މިންވަރާއި، އޭގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގައި ގެންގުޅެވިދާނެ އުޞޫލުތަކުގެ މައްޗަށް މި ދިރާސާގައި ބަލައިލާފައިވެއެވެ.