ކ. މާލެ
|
24 ފެބްރުއަރީ 2021 | ބުދަ 11:32
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ދަ އެޑިޝަން
އައްޑޫގެ ފިޔަވަޅުތަކަށް ލުއި ދިނުން
ކޮވިޑާ ގުޅިގެން ހުޅުދޫމީދޫ ފިޔަވައި އައްޑޫ ސިޓީގެ އެހެން އަވަށްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލައިފި
 
އައްޑޫ ސިޓީން ދެ ކްލަސްޓަރއެއް ފެނިފައިވޭ
 
ރޭންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވި ފަހުން އައްޑޫ ސިޓީ ހުޅުދޫމީދޫގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފައި
 
އައްޑޫ ސިޓީ މޮނިޓަރިންގ ހާލަތަށް ގެނެސް 09 ފެބުރުއަރީ 2021ގައި ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައި

ކޮވިޑް-19އާ ގުޅިގެން ހުޅުދޫމީދޫ ފިޔަވައި އައްޑޫ ސިޓީގެ އެހެން އަވަށްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލައިފިއެވެ.

ކޮވިޑް-19 ގެ ވައިރަސް އައްޑޫސިޓީން ފެނި، އައްޑޫސިޓީ މޮނިޓަރިންގ ހާލަތަށް ގެނެއުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން 09 ފެބުރުއަރީ 2021ގައި ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައިވަނީ، ކައުންސިލުން އަންގާފައިވާ އެންގުންތަކަށް ޢަމަލުކުރުން ހުއްޓާލުމަށް ކައުންސިލުން ނިންމާފައިވާކަން ހާމަކޮށްފައެވެ. މިގޮތަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައި ވީނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިތުރު 7 ދުވަހަށް ހުޅުދޫމީދޫގައި ޚާއްސަ ފިޔަވަޅުތައް އަޅާފައިވާތީ، ކައުންސިލުން އަންގާފައިވާ އެންގުންތައް ހުޅުދޫ އަދި މީދޫ އަވަށުގައި ދެމިއޮންނާނެ ކަމުގައި އެ ކައުންސިލުން ވަނީ ބުނެފައެވެ. މި އިއުލާނުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ، އެ ކައުންސިލުން ޚާއްސަ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ނިންމި ކަމުގައި ވީނަމަވެސް އައްޑޫ ސިޓީ އަދިވެސް އޮތީ މޮނިޓަރިންގ ހާލަތުގައިކަން ހަނދާންކޮށްދީފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ލުޔެއް ދީފައިވަނީ އައްޑޫގެ ގުޅިގައިވާ އަވަށްތަކުގެ އެތެރޭގައި އަޅާފައިވާ ފިޔަވަޅުތަކަށްކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. މިހާލަތުގައި ވެސް ގިނަމީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި ގައިދުރުކަން އިސްކުރުމަށާއި ގެއިން ބޭރަށްދާނަމަ މާސްކް އެޅުމަށާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައިވާ އެންގުންތަކަށް ޢަމަލުކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިސްކިތަށް ދާއިރު މާސްކް އެޅުމަށާއި، މުސައްލަ ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިލް އެފެއާޒް އިން ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައިވާއިރު، މިކަންކަމަށް ސަމާލުވުމަށް ސިޓީ ކައުންސިލުން ވެސް ވަނީ އަންގާފައެވެ.

ކޮވިޑްގެ ކްލަސްޓަރ އަކާ ގުޅިގެން ރޭންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވި ފަހުން އައްޑޫ ސިޓީ ހުޅުމީދޫގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފައެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އައްޑޫ ސިޓީގެ ހުޅުދޫމީދޫގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ބުދަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށެވެ. ހުޅުމީދޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އެންގުމާއި، ރޭގަނޑު 8:00ން ފެށިގެން ފަތިހު 4:00ށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިވެއެވެ.

މީގެ އިތުރުން ހުޅުދޫމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި، ޒަރޫރީ ބޭނުންތަކާއި، ޞިއްޙީ ފަރުވާ ހޯދުމަށް ދާންޖެހޭ ދިޔުމެއް ނުހިމެނޭ ކަމަށް މި އެންގުމުގައިވެއެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.

މި އެންގުމުގައިވާ އެހެނިހެން ކަންތައްތަކަށް ބަލާއިރު ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތާއި ޓެކްސީގެ ޚިދުމަތް ދިނުމަށް ވަނީ އަންގާފައެވެ.

އަދި ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަން ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އަންގާފައިވާ އިރު، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ވަނީ ސިފައިންނާއި ފުލުހުން އަދި ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސް އަދި އައްޑޫ ސިޓީގެ ހުޅުދޫމީދޫ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތައް އިސްތިސްނާވާނެ ކަމަށެވެ. މީގެ އިތުރުން އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތަކާއި، މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑީޖޭ ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށެވެ.

އަދި މި ފިޔަވަޅުތައް ތަންފީޛު ކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވަނީ ބުނެފައެވެ. މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް ވަނީ އަންގާފައެވެ.

އައްޑޫ ސިޓީން ދެ ކްލަސްޓަރއެއް ފެނިފައިވެއެވެ. އެއީ ޕްރޮޖެކްޓް ސައިޓަކުން ފެނުނު ކްލަސްޓަރއަކާއި، އޭވިއޭޝަން ކްލަސްޓަރއެކެވެ. ޕްރޮޖެކްޓް ސައިޓް ކްލަސްޓަރއާ ގުޅިގެން ހުޅުދޫމީދޫން ނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އެ ކްލަސްޓަރ ކޮންޓެއިންވެފައިވީ ނަމަވެސް އޭވިއޭޝަން ކްލަސްޓަރ އޮތީ އެކްޓިވްކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް