ލޯކަލް ކައުންސިލް އިންތިޚާބު އަވަހަށް ބޭއްވުމަށްޓަކައި އިންތިޚާބާ ބެހޭ ހާއްސަ ޤާނޫނަށް ބަދަލުގެނައުމަށް މަސައްކަތް ކުރުމަށް ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާ މިރޭ އޮންނާނެއެވެ.
މި ޖަލްސާ ތާވަލުކޮށްފައިވަނީ މިރޭ 08:30 އަށެވެ. އަދި މި ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ޤާނޫނު 2020) އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ކޯޓަށް މައްސަލަ ވެއްދުމުގެ މުއްދަތު ވަނީ ކުރުކޮށްފައެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނެފައިވާއިރު، މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި މި ބިލުގައި އެ މުއްދަތު ވަނީ 30 ދުވަހަށް ކުޑަކޮށްފައެވެ. އަދި ވޯޓާސް ލިސްޓު އާންމުކުރުމާއެކު ޝަކުވާ ހުޅުހެޅުމަށް މިހާރު 10 ދުވަސް އޮތް ނަމަވެސް، އެ މުއްދަތު ފަސް ދުވަހަށް ކުޑަކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން ހުށަހެޅޭ ޝަކުވާއަކާ މެދު ފަސް ދުވަސް ތެރޭ ގޮތެއް ނިންމުމަށް އޮތްއިރު، އެ މުއްދަތު ތިން ދުވަހަށް ކުޑަކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ވޯޓާސް ލިސްޓަށް ހުށަހެޅޭ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިމުމެއްގެ މައްސަލަ ހައި ކޯޓަށް ފަސް ދުވަސް ތެރޭ ހުށަހަަޅަން ޖެހޭއިރު، އެ މުއްދަތު ތިން ދުވަހަަށް ވަނީ ކުޑަކުރުމަށް ހުށަހަޅާފައެވެ. އަދި 15 ދުވަސް ތެރޭ އެ މައްސަލައަކާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ޖެހޭއިރު، އެ މުއްދަތުވެސް ވަނީ ހަތް ދުވަހަށް ކުޑަކޮށްފައެވެ.
އަލީ ނިޔާޒު ހުށަހެޅުއްވި މި އިސްލާހުގައި އިތުރަށް ހިމަނާފައި ވަނީ އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކައި، އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތު ކުރު ކުރުމަށެވެ. އެގޮތުން އެ ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަސް ތެރޭގައި އަލުން އިންތިޚާބު ބޭއްވުމަޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ބުނެފައިވާއިރު، އެ މަސައްކަތް ފަށާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހަކީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަޔާން ކުރުމަށްފަހުގައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ހާއްސަ ޤާނޫނަށް އިސްލާހުތަކެއް ގެނެސް، މި ޖެނުއަރީ މަހު އެ އިސްލާހުތަކަށް އަމަލުކުރަން ފެށިއްޖެނަމަ ލޯކަލް ކައުންސިލް އިންތިޚާބު 3 އޭޕްރީލުގައި ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވެސް ވަނީ ވިދާޅުވެފައެވެ.