ކ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އަންގާރަ ދުވަހުގެ މެންދަމު 2ން ފެށިގެން ބުދަ ދުވަހުގެ ހެނދުނު 8 ޖެހުމާ ހަމައަށް އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ބުދަ ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެެ ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.