ކ. މާލެ
|
12 ޖެނުއަރީ 2021 | އަންގާރަ 22:12
އަންގާރަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލިސް ބައްދަލުވުމުގެ ތެރެއިން
އަންގާރަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލިސް ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ސޭފް ސްކޫލްސް ޑެކްލަރޭޝަން
ސޭފް ސްކޫލްސް ޑެކްލަރޭޝަން ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފި
ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ޤައުމުތަކުން ބައިވެރިވުމަށް ހުޅުވައިލާފައި ވަނީ 2015 މެއި 29 ވަނަ ދުވަހު
ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވަރސިޓީތައް ރައްކާތެރިކުރުމަށް ސިޔާސީ ގޮތުން ލާޒިމުކުރާ ބައިނަލްއަޤްވާމީ ޑެކްލަރޭޝަން

ދިވެހިރާއްޖެއިން "ސޭފް ސްކޫލްސް ޑިިކްލަރޭޝަން"ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި ވަނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ހުށަހަޅާފައިވާ ކަރުދާހަކަށް އަންގާރަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން ދެއްވި ލަފާފުޅުގެ މަތިންނެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވަރސިޓީތައް ރައްކާތެރިކުރުމަށް ސިޔާސީ ގޮތުން ލާޒިމުކުރާ ބައިނަލްއަޤްވާމީ ޑެކްލަރޭޝަންއެކެވެ. މި ޑެކްލަރޭޝަން އެކުލަވައިލާފައި ވަނީ އަސްކަރީ ހަމަނުޖެހުންތަކުން ރައްކާތެރިވެ ތިބެ އުގެނުމަށް ކޮންމެ ދަރިވަރަކަށް ލިބިގެންވާ ޙައްޤު ކަށަވަރުކޮށްދިނުމަށާއި ރައްކާތެރި މާހައުލެއްގައި ޤަދަރުވެރިކަމާއެކު އުނގަންނައިދިނުމަށް ކޮންމެ މުދައްރިސަކަށް ލިބިގެންވާ ޙައްޤު ކަށަވަރުކޮށްދިނުމަށެވެ.

މި ޑެކްލަރޭޝަންގައި އަސްކަރީ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާ ގުޅިގެން ތަޢުލީމީ ދާއިރާއަށް ކުރާ ތަފާތު ނޭދެވޭ އަސަރުތައް ފާހަގަކޮށް، މެދުކެނޑުމެއް ނެތް ގޮތެއްގައި ތަޢުލީމީ ޚިދުމަތްތައް ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި، މި ޑެކްލަރޭޝަންގެ މަޤްޞަދުތަކުގެ ތެރޭގައި ހަނގުރާމައިގެ ޙާލަތްތަކުގައި ވެސް މަދަރުސާތަކާއި ޔުނިވަރސިޓީތަކަކީ ތަޢުލީމު ލިބިގަތުމަށާއި ޢިލްމީ ދިރާސާކުރުމަށް ރައްކާތެރި ތަންތަން ކަމުގައި ކަށަވަރުކޮށްދިނުން ވެސް ހިމެނެއެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ޤައުމުތަކުން ބައިވެރިވުމަށް ހުޅުވައިލާފައި ވަނީ 2015 މެއި 29 ވަނަ ދުވަހު ބޭއްވި "ދަ އޯސްލޯ ކޮންފަރެންސް އޮން ސޭފް ސްކޫލް" ގައެވެ.

- ކޮމެންޓް