ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 22 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 63 އިންސައްތަ މަސައްކަތާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 16 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން، 7،952 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 10،134 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުންދާ ބަނދަރު ސަރަޙައްދު ފުންކުރުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 329 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
01 އޮކްޓޯބަރ 2019 ގައި ސޮއިކުރި މި މަޝްރޫއަށް ސަރުކާރުން ވަނީ 46.01 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައެވެ.