މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ން ދ. އަތޮޅުގައި އަސްކަރީ ތަމްރީނުތަކެއް ހިންގުމަށް ނިންމާފައިފިއެވެ.
އެމްއެންޑީއެފުން ބުނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ތަމްރީނުތައް ކުރިޔަށް ދާނެކަމަށެވެ. އެގޮތުން ދ. އަތޮޅު ކަނޑިންމަ މޯލްޑިވްސް ރިސޯޓާއި އެއްފަޅެއްގައި އޮންނަ ފަޅު ރަށްތަކެއްގައި މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ތަމްރީނުތަކުގައި ބަޑިބޭހުގެ ބާވަތެއް ކަމުގައިވާ ޕައިރޯޓެކްނިކްސް ބޭނުން ކުރާނެ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑިއެފުން އަސްކަރީ ތަމްރީނުތަކެއް ހިންގުމަށް ނިންމާފައިވާއިރު ދާދި ފަހުން މާލެއާއި ހުޅުލެ އަދި ހުޅުމާލެގައި ފާއިތުވި ޑިސެމްބަރު މަހުގެ 20ން ފެށިގެން 24ށް ވެސް އަސްކަރީ ތަމްރީނުތަކެއް ހިންގާފައިވެއެވެ.
އެމްއެންޑީއެފުން ސިލްސިލާކޮށް އެކި ބާވަތުގެ އަސްކަރީ ތަމްރީނުތައް ހިންގަމުން ދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭރުގެ ގައުމުތަކާއި ގުޅިގެން ވެސް ޚާއްސަ ތަމްރީންތައް ބާއްވަމުންދެއެވެ.