ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް 50 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ހޯމަ ދުވަހުގެރޭ ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އާދީއްތަ ދުވަހުގެ ހަވީރު 06:00 އިން ފެށިގެން ހޯމަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް 3،129 މީހެއްގެ ގައިން ވަނީ ކޮވިޑްގެ ސާމްޕަލް ނަގައިފައެވެ. އަދި އޭގެތެރެއިން 50 މީހެއް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ މާލެ ސަރަހައްދުން 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އަތޮޅުތެރޭން ޕޮޒިޓިވްވެފައިވަނީ 3 މީހެކެވެ. އަދި ރިސޯޓު ތަކުން 28 މީހެއް ޕޮޒިޓިވްވެފައިވާއިރު، އެޗްޕީއޭއިން ބުނީ ރިސޯޓުތަކުން ޕޮޒިޓިވްވި 28 މީހުންގެ ތެރެއިން 20 މީހުން ޕޮޒިޓިވްވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ކަމަށެވެ. އަދި އެ ރިސޯޓުން ޕޮޒިޓިވި މީހުންނަކީ ރިސޯޓުގެ ސްޓާފުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އިތުރު 50 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 14،159 ކަށް އަރައިފައެވެ. އޭގެތެރެއިން 13،365 މީހުން ބަލިން ފަސޭހަވެފައިވާއިރު، އެކްޓިވް ކޭސްގެ އަދަދަކީ 738 އެވެ. މިވަގުތު 54 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު ރާއްޖެއިން 49 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.