ކ. މާލެ
|
11 ޖެނުއަރީ 2021 | ހޯމަ 18:31
ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީތަކެއް
ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީތަކެއް
މުހައްމަދު ފަޒީން
ސަފާރީގައި ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ
ބޭރު އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހިމެނޭ މީހަކަށް ދައުވާކޮށްފި
މައްސަލައިގައި 11 މީހުންގެ ބަޔާން ނެގި ކަމަށް ފުލުހުން ވަނީ ބުނެފައި
ހައްޔަރުކުރި ދެ ދިވެހިން މީގެ ކުރިން ވަނީ ދޫކޮށްލާފައި

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށް ދައުވާކޮށްފިއެވެ.

ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ. މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް އެ ފަހަރު ގެންދިޔައިރު، އެ ދެ މީހުން ބަންދުގައި ބަހައްޓަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައިގައި ދައުވާކޮށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި ވަނީ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވާ ޝާންގެ މައްޗަށް ކުރަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށުގެ ދައުވާއެވެ.

ޖިންސީ ގޯނާކުރުމުގެ ކުށްކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެންނަމަ އަދަބަކަށް އަންނާނީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އެ ނޫން ގޮތަކަށްނަމަ ތން އަހަރާއި 7 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށަކީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށްތަކެވެ. އެ ދެ ކުށުގެ އަދަބަކީ އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ ތިން މަހެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އެންމެ ފަހުން ޕްރެސްއެއް ބާއްވާފައިވަނީ ޖުލައި މަހުގެ ކުރީކޮޅުއެވެ. އެ މައްސަލައާ ގުޅިގެން 11 މީހެއްގެ ބަޔާން ނަގައި ވިކްޓިމްގެ ފޯނު ސަފާރީ އޮތް ސަރަހައްދުން ހޯދާފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ. އަދި ރައްޓެއްސެއްގެ ދައުވަތަކަށް ސަފާރީއަށް ދިޔަ އެ އަންހެން މީހާއާއެކު ސަފާރީ ތެރޭގައި ހަތް މީހަކު ތިބިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

- ކޮމެންޓް