ކޮވިޑް-19ގެ ވެކްސިން މިމަހުގެ ފަހުކޮޅު ރާއްޖެއަށް ލިބޭނެކަން ޔަގީން ވެއްޖެއެވެ.
އިތުބާރުހުރި މަސްދަރަކުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޚާއްސަ ސަމާލުކަމެއްދީގެން ކުރަމުންދަނީ ވެކްސިން ގެނައުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން މިމަހުގެ ފަހުކޮޅު ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި ވިދާޅުވީ ފުރަތަމަ ވެކްސިން ދިނުމަށް ނިންމާފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ކަމަށެވެ.
ރާއްޖެއަށް ކޮވިޑް-19 ވެކްސިން ގެނައުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމް ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލްއާއި ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިއާ ރީޖަންގެ ޑިރެކްޓަރ ޖެނެރަލްއާއި ބައްދަލު ކުރައްވާ ނިމިގެންދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ މަޝްވަރާ ކުރައްވާފައިވެއެވެ.
ވެކްސިން ހޯދުމުގެ މަސައްކަތުގައި މިހާރު ކޮވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ހުށައެޅި ހުށައެޅުން ރަސްމީކޮށް ޑަބްލިޔުއެޗްއޯއިން ވަނީ ގަބޫލުކޮށްފައެވެ. ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ލިބޭނީ އާބާދީގެ ދެ ލައްކަ މީހުންނަށެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބޭ ވެކްސިނެއްގެ ހަތަރު ލައްކަ ޑޯޒް ލިބޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިމަހުގެ ފަހުކޮޅު ވެކްސިން ލިބޭނެކަން ޔަގީންވެފައިވާއިރު ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މިކަމަށް މާލިއްޔަތު ގަވާއިދަށް ބަދަލެއް ގެނައުމަށް ވަނީ ނިންމާފައެވެ.