ކ. ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި ފިރިހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި ފިރިހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިހާރު ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
40 އަހަރުގެ އެ ފިރިހެން މީހާގެ ހަށިގަނޑުގެ 20 އިންސައްތަ ފިހުނުއިރު، ހޮސްޕިޓަލުން ދޫކޮށްލާނެ ވަކި ތާރީހެއް ހާމައެއް ނުކުރެއެވެ.
މިހާދިސާ ހިނގީ ޑިސެންބަރު މަހުގެ 24ވީ ބުރާސްފަތި ދުވަހުގެ ހަވީރުގެ 16:39 ހާއިރުއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 17:37 ހާއިރުއެވެ.
މިއަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގީ ދޯންޏަށް ތެޔޮއަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. ވިލާ ސައިޓްގެ ފަޅުތެރޭގައި އޮތް މިދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައެވެ.