ބިޔާދޫ އައިލެންޑް ރިސޯޓުން ޖެނުއަރީ ނުވަ ވަނަ ދުވަހު އިތުރު ތިން މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ހާމަކޮށްފިއެވެ.
އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބިޔާދޫ ކްލަސްޓަރގައި އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރިސޯޓުގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 53ށް އަރާފައިވާ ކަމަށެވެ.
ބިޔާދޫން މިހާތަނަށް 104 ސާމްޕަލްއެއް ނަގާފައިވާއިރު އެރަށުން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މި ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގައެވެ.
އެގޮތުން ޕޮޒިޓިވް ކޭސް ފެނި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ފެށުމާއިއެކު ކޮވިޑްގެ އިތުރު ކޭސްތައް އެ ރިސޯޓުން ދަނީ ފެންނަމުންނެވެ.
ރާއްޖެއިން މިހާތަނަށް 14،109 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 717 އަށް އަރައިފައެވެ. އަދި 13،336 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.
މީގެ އިތުރުން މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 52 މީހަކަށް ފަރުވާދެމުން އަންނައިރު، މި ބަލީގައި ރާއްޖެއިން 49 މީހަކު ވަނީ ނިޔާވެފައެވެ.