ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އާއްމުކޮށްފައިވާ ގައިޑްލައިންތައް މަތިން ހަނދާން ނެތޭ މީހުން މިހާރު ވަރަށް ގިނަ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ ކޭސްތައް މަދުވުމާއި ގުޅިގެން ބޮޑެތި ލުއިތަކެއް ދެވިފައިވާ ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދާ މަންޒަރުތަކުން ކަންބޮޑުވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ ކޭސްތައް މަދުވާއިރަށް މާސްކް އަޅާ މީހުން މަދުވުމާއި ގައިދުރުކަން ބަހައްޓަން ޖެހޭކަން ހަނދާންނެތޭ މީހުން ގިނަ ވުމާއި، އެކިއެކި ޚިދުމަތްތައްދޭ ފިހާރަތަކާއި، ކެފޭ އަދި ރެސްޓައުރެންޓް ފަދަ ތަންތަނަށް އެކަށީގެންވާ އަދަދަށްވުރެ އިތުރަށް މީހުން ވަދެ ފުނިގެންޖެހިގެން ޚިދުމަތް ހޯދާ މަންޒަރު ވަރަށް ގިނައިން ފެންނަމުންދާ ކަމަށެވެ.
އަޅުގަނޑުމެންނަށް މިދޭތެރެއިން ވެސް ރޭގެއާ އޭގެ ކުރީ ރޭގައި ސްކޫލު ހުޅުވޭތީވެ ފިހާރަތަކަށް ސްކޫލު ކުދިން ބެލެނިވެރިންދާއިރު ބޭނުންވާ ތަކެތި ހޯދުމަށް ވަޑައިގެންފައި ވެސް ހަމަ ބައެއް ފިހާރަތައް ތޮއްޖެހިފައި ވެސް އޮތް ވަރަށް ގިނަ ބޭފުޅުން ފިހާރަތަކަށް ވަޑައިގެން ބޭރުގައި އޮތް ނަންބަރަކަށް ނުބަލާ. ފިހާރަތަކުގެ ބޭފުޅުން ވެސް އެކަމަށް ސަމާލުކަމެއް ނުދެއްވާ.އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ކޮންމެ ކަމެއް ރަނގަޅުކުރަން ކޮންމެ ވަގުތަކު އިސްޕެކްޝަން ޓީމެއް ނުފޮނުވޭނެކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ ހަތަރު ފަހަރެއްގެ މަތިން އިސްޕެކްޝަން ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. ކޮވިޑް-19އަކީ ކޮބައިކަމާއި، މިބަލީގައި އަމަލުކުރަން ޖެހޭ ގޮތުގެ އިތުރުން ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށާއި އަދި ގައިޑްލައިންތަކަށް އަމަލުކުރުމުން ބަލި ކޮންޓްރޯލް ކުރެވޭކަން މާޒިވެ ދިޔަތަނަށް ބަލާލުމުން ހާމަވެގެންދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑް-19 މިގައުމުން ނުފިލާ ކަމަށާއި، އަދިވެސް ފަރުވާ ކުޑަ ކުރާކަމުގައިވާނަމަ ކޭސްތައް އިތުރުވާނެ ކަަމަށެވެ. އަދި ކޭސްތައް އިތުރުވާނަމަ ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން މަޖުބޫރުވާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ފުރަތަމަ ޕީކް ވެސް އައިސްފައި ވެސް ލުއިތައް ދެވިގެންދިޔައިރުގަ އަޅުގަނޑުމެންނަށް ފާހަގަކުރެވުނު މި ކަހަލަ ބައެއް ކަންތައް. އޭރު ވެސް އަޅުގަނޑުމެން ދަންނަވަމުން ދިޔަ ވާހަކަ އެއް ހުޅުވާލިއިރުގައި ހުޅުވާލީ އެންމެ ފުރަތަމަ ލޮކްޑައުންގެ ކުރިން އޮތް ހާލަތަކަށް އަބުރާ ދެވޭ ކަހަލަ ގޮތަކަށް ނޫނޭ. ހުޅުވާލީ ވަކިކަހަލަ މިންގަނޑުތަކަކާ އެއްކޮށް އާންމު ދިރިއުޅުމަށް ރުޖޫއަވާން. އެހެންވީމަ އެގޮތަށް އަދިވެސް ކަންކަން ބަހައްޓަވަން ވާނީއެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ޑރ.ނަޒްލާ ވިދާޅުވީ އާންމު ހާލަތަށް ދިރިއުޅުން ގެންދެވޭނީ ވެކްސިން އާބާދީގެ ބޮޑު ބަޔަކަށް ދެވި އޭގެ ސަބަބުން ރައްކާތެރިކަމެއް ލިބޭ ހިސާބުން ކަމަށެވެ. ވެކްސިން ލިބެންދެން ބަލި އިތުރަށް ފެތުރަނަށް ނުދިނުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ބައެއް ގައުމުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވާ ޑރ.ނަޒްލާ ވިދާޅުވީ ބަލި ކޮންޓްރޯލް ނުވުމުން ތިން ފަހަރަށް ބައެއް ގައުމުތަކުން ލޮކްޑައުންއަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭއަށް އައި ދެވަނަ ޕީކް ވެސް ކޮންޓްރޯލް ކުރީ ފުލް ލޮކްޑައުންއަކަށް ނުގޮސް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު ދެވިފައިވާ ލުއިތަކާއެކު ކުރިއަށް ދިއުމަށް އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ