ގއ. ދެއްވަދޫގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެރަށަށް ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ފޮނުވައިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވަދޫ ކްލަސްޓާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އެޓޯލްސް ޕްރެޕެއާޑްނެސް ކްލަސްޓާގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ، ދެއްވަދޫން ޕޮޒިިޓިވްވި ކޭސްތަކާ ގުޅިގެން ބައެއް މުވައްޒަފުން ކަރަންޓީނަށް ދާން ޖެހުމުގެ ސަބަބުން މުވައްޒަފުންގެ ދަތިކަން އެރަށަށް ކުރިމަތިވެފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދެއްވަދޫގައި ސިއްހީ ހިދުމަތްތެރިން ނެތުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ދެ ނަރުހުންނާއި ޑޮކްޓަރެއްގެ އިތުރުން ހެލްތު ވޯކަރެއް އެ ރަށަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ރަށުގައި މިވަގުތުވެސް ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
ދެއްވަދޫ ކްލަސްޓާއާއި ގުޅިގެން މިހާތަނަށް ވަނީ 22 މީހުން ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 4 މީހަކު ލ. ފޮނަދޫގައި ހުރިއިރު، ދެމީހަކު ހުރީ ހުޅުމާލޭގައެވެ. މިހާތަނަށް ދެއްވަދޫ އިން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ އަދަދު ވަނީ 148 އަރާފައެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ގދ. ތިނަދޫ އާއި ގއ. ވިލިނގިލިން ވެސް ސާމްޕަލް ނަގާނެ ކަމަށް ވިދާޅުވެފައެވެ.