ގއ. ދެއްވަދޫގައި ކޮވިޑް-19 ފެތުރުނީ ކަރަންޓީނުގައި ތިބި ބައެއްގެ ފުށުން ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިހާރު ބެލެވޭ ގޮތުގައި އެރަށުގައި މީގެ ކުރިން ވެސް ކޮވިޑް-19 ފެތުރިފައިވާތާ ދުވަސްވެފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ދެއްވަދޫން ކޮވިޑް-19ގެ އެންމެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފައިވާއިރު އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެރަށަށް ކަރަންޓީނަށް ދިޔަ އާއިލާއަކުން ހަތަރު މަހުގެ ކުޑަ ކުއްޖެކެވެ. ނަމަވެސް އެ އާއިލާއިން އިތުރު މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.
އޭގެ ފަހުން އެ ކުއްޖާއާ ކޮންޓެކްޓވެފައިވާ އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަށު ތެރޭގައި ބަލި ފެތުރިފައިވާއިރު އެ ރަށުން މިހާރު ޕޮޒިޓިވް އަދަދު 22 އަށް އަރާފައިވާ ކަމަށް ޑރ. ނަޒްލާ އާދީއްތަ ދުވަހުގެރޭ ވަނީ ވިދާޅުވެފައެވެ. އެއީ އެރަށުން 16 ކޭސް އަކާއި ހުޅުމާލެއިން ފެނުނު އެ ކޭސްތަކާ ގުޅުން ހުރި ދެ ކޭސްއެއްގެ އިތުރަށް ދެއްވަދޫ އިން ލ. ފޮނަދޫ އަށް ދިޔަ ހަތަރު މީހެކެވެ.
ޑރ. ނަޒްލާ ވިދާޅުވީ މީގެ ކުރިން ބެލެވުނު ގޮތުގައި ބަލި ފެތުރުނީ ކުޑަކުއްޖާގެ ފަރާތުންނެވެ. ނަމަވެސް މިހާރު ބެލެވޭ ގޮތުގައި އެރަށުގައި މީގެ ކުރިން ވެސް ބަލި އޮތް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިއީ ސީދާ ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެ އެމީހުންގެ ފަރާތުން ފެތުރުމުގެ ބަދަލުގައި ކުރިން އެރަށުގެ ތެރޭގައި ބަލި އިންޓްރޮޑިއުސްވެގެން އެރަށުގެ ތެރޭގައި ބަލި ސާކިއުލޭޓްވެގެން ޓްރާންސްމިޓްވަމުން ދިޔަ ކަމަށް އަޅުގަނޑުމެންނަށް މިހާތަނަށް މި ފެނުނު ކޭސްތަކަށް ބަލާއިރު މި ފާހަގަކުރެވެނީއެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ އެރަށުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އަދިވެސް މުޅިން ނުނިމޭ ކަމަށެވެ. ބަލީގެ ހަލަތާއި ބަލި އައި އަސްލު ހޯދޭނީ އެ މަސައްކަތްތައް ނިމުމުން ކަމަށް ވިދާޅުވިއެވެ.
ދެއްވަދޫ އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުނީ މިދިޔަ މަހުގެ 24 ގަ އެވެ. އޭގެ ފަހުން މި މަހު ހައެއްގައިި އެއް ކޭސް ފެނުނު އިރު ހަތެއްގައި ވެސް އިތުރު ހަ ކޭސް ފެނިފައި ވެއެވެ. އެ ކޭސްތަކާ ގުޅިގެން މިހާރު އެރަށުގައި 200 ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުން އަންނަ އިރު އޭގެ ތެރެއިން ވެސް ބައެއް މީހުން ޕޮޒިޓިވްވެފައި ވެއެވެ.
ދެއްވަދޫގެ ކޭސްއާ ގުޅިގެން ލ. ފޮނަދޫއާ ލ. ގަން ވެސް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ.