ކޮވިޑް-19ގެ މިދަނޑިވަޅުގައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި އަދި ސަރުކާރު ޙިއްސާވާ ކުންފުނިތަކުން، ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް އެވޯރޑްކުރެވޭ ޕްރޮޖެކްޓުތަކުގެ އިންވޮއިސްތަކަށް ފައިސާ ލިބުން ވަރަށްބޮޑަށް ލަސްވުމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން ބުނެފިއެވެ.
ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އެންމެހާ ވިޔަފާރިތަކަށާއި އާންމުންނަށް ކުރިމަތިވަމުންދާ މާލީ ދަތިތަކާއި ގެއްލުމުގެ ތެރެއިން، ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވަރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކޮންޓްރެކްޓަރުންނަކީ ވަރަށްބޮޑަށް ލޯކަލް ކުދި ވިޔަރާފާރިތަކުގެ ތެރޭގައި ހިމެނޭ ކުދި ފިހާރަތަކާއި ހާރޑްވެޔަރ އަދި އެހެނިހެން މެޓީރިއަލް ސަޕްލަޔަރުންނާއި ދަތުރުފަތުރު ކުރާ ފަރާތްތަކާއި ގުޅި ލާމެހިފައިވާ ފަރާތްތަކެއް ކަމަށްވާތީ، އިންވޮއިސްތަކަށް ފައިސާ ލިބުމުގައި ވަރަށްބޮޑަށް ލަސްވަމުންދާތީ އެޖަމިއްޔާއަށް ތަކުރާރުކޮށް ޝަކުވާ ލިބެމުންދާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ފައިސާ ލިބުމުގައި ދަތިތައް ކުރިމަތިވަމުންދާނީ، ވިޔަފާރީގައި ދިމާވާ ދަތިތަކުގެ ސަބަބުން އެފަރާތްތަކާއި، އަދި އެފަރާތްތަކާއި ގުޅުންހުރި އެންމެހާ ޢާއިލާތަކަށްވެސް ކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މަސައްކަތުގެ އުޖޫރަ ދިނުމަކީ މަސައްކަތްކުރާ ފަރާތާއި މަސައްކަތް ކުރުވާ ފަރާތާއިދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރެވޭ މުޢާމަލާތަކަށްވާއިރު، ކުރެވެމުން ގެންދާ ބިލްތަކަށް ފައިސާ ނުލިބުމާއި ފައިސާނުދީ ލަސްކުރުމަކީ އިޖްތިމާޢީ ގޮތުންވެސް ދޭދޭ އަފުރާދުންގެ މެދުގައި އިތުބާރުގެއްލުމާއި ބޮޑެތި ހަމަނުޖެހުން އުފެދި ގެއްލުންލިބިގެންދާނެ ކަންތައްތަކެއް ކަމަށެެވެ. އަދި ޤާނޫނުތަކާއި ޤަވާޢިދު ތަކުން މިކަމަށް ބާރު އަޅުއްވާފައިވަނީ ވެސް އެފަރާތްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން ބުނީ، މިކަމާއި މެދު ސަރުކާރުގެ ކަމާއިބެހޭ އެންމެހާ މުއައްސަސާތަކާއި އަދި ސަރުކާރުހިއްސާވާ ކުންފުނިތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ދަތި ހާލަތުގައި ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނާ މުޖްތަމަޢަށް އަސަރުފޯރާ ކަންކަމުން ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، މަސައްކަތްތަކަށް ހުށަހެޅޭ އިންވޮއިސް ތަކަށް ފައިސާ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އަދާކޮށް ދެއްވުމަށް ބާރު އެޅުއްވުމަށް ސަރުކާރުގެ ކަމާއިބެހޭ ހުރިހާ އިދާރާތަކަށް ނުހަނު އިޚްލާސްތެރިކަމާއި އެކު އިލްތިމާސްކުރާ ކަމަށެވެ. އަދި، ޚާއްސަކޮށް ކޮންޓްރެކްޓް ޤާނޫނުގެ ދަށުން އެކަމުގައި ޝާމިލްވާ ދެފަރާތަށް ވެސް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ނުވުމަކީވެސް އެޖަމިއްޔާގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި މިކަމަށް ވެސް އިންސާފުވެރި އަދުލުވެރި ގޮތަކަށް ކޮންޓްރެކްޓްތައް ބައްޓަން ކުރެވިގެން ދާނެ ގޮތަކަށް ބާރުއަޅުއްވާ އަމަލު ކުރައްވާނެ ކަމަށް ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށްވެސް އެޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.