އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި އިދިކޮޅޮ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވާ އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ނިމިދިއަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ، އަދުރޭގެ ޝަރީއަތް މި މަހުގެ 31 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ނިމިދިއަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރެއްވި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރިއެއް ކަމަށްވާ އަބްދުއްރަހީމްގެ މައްޗަށް ދައުވާކޮށްފައިވަނީ ކްރިމިނަލް ކޯޓު ސަރަހައްދުގައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލާގައެވެ.
އަބްދުރަހީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާކަން ކްރިމިނަލް ކޯޓުން ވެސް ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދެއްވާފައެވެ. ކްރިމިނަލް ކޯޓުން ބުނީ، އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 09:00ށް ތާވަލް ކޮށްފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ސަރަހައްދުކައިރީ ހުންނަވައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލާގައި އަބްދުއްރަހީމްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިއަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.
އިދިކޮޅު ކޯލިޝަނުން ކޯޓުތައް ހިމެނޭ ސަރަހައްދުގައި މުޒާހަރާ ކުރަން ފަށާފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި އެމަނިކުފާނުގެ މައްޗަށް ދައުވާއުފުލުމާއި ގުޅިގެންނެވެ. ދައުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރި ގއ. ވުޑުމުލާ ކިޔާ ފަޅުރަށެއްގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައެވެ. އެމައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކުމަށް ހުކުމް އިއްވީ 28 ނޮވެންބަރު 2019 ގައެވެ. އެދުވަހު ވެސް ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން މުޒަހާރަކޮށްފައި ވެސް ވެއެވެ.
އަބްދުއްރަހީމްއަށް ދައުވާ އުފުލާފައިވާއިރު، މިފަހުން ބާއްވާ މުޒާހަރާތަކާއި، ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބޭއަދަބީ ބަސް ބޭނުން ކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
އެގޮތުން 26 ސެޕްޓެންބަރު 2020 ވީ ހޮނިހިރު ދުވަހުގެ ރޭ އަބްދުއްރަހީމް ވަނީ ލައިވް ޓީވީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ނިސްބަތްކޮށް އައުގުރާނަ ވެސް ގޮވާފައެވެ.