މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ން ދެމުން ގެންދިއަ މާލެ-އެއަރޕޯޓު ބަހުގެ ޚިދުމަތް އަލުން ދޭން ފަށައިފިއެވެ.
އެމްޕީއެލުން ދެމުންދިއަ މާލެ-އެއަރޕޯޓު ބަހުގެ ޚިދުމަތް މެދުކަނޑާލައިފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައުމާއި ގުޅިގެން އެމްޕީއެލުން މި ޚިދުމަތް އަލުން ދޭން ފަށާފައިވަނީ އާދިއްތަ ދުވަހުގައެވެ.
ކޮންމެ ދުވަހެއްގެވެސް ހެނދު 06:00ގައި އެއަރޕޯޓުން ބަސްދަތުރު ފެށުމަށް ނިންމާފައިވާއިރު މާލެއިން އެއަރޕޯޓަށް ދިއުމަށް ބަސްދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ 05:30ގައެވެ.
ކާނިވާ ބަސް ހުއްޓި ކައިރިން ފަށައިގެން އާޓިފިޝަލް ބީޗް ވޮލީ ކޯޓް ކައިރީގައިވާ ބަސް ހުއްޓިއަށް ދިއުމަށް ހަމަޖެހފައިވާކަމަށް އެމްޕީއެލްގެ އެއަރޕޯޓު ބަސް ޝެޑިއުލްގައި ވަނީ ބުނެފައެވެ. އެއަށްފަހު އެމްއޭސީއެލް އޮފީސް ކައިރީގައިވާ ބަސް ހުއްޓިިއަށް އަދި އެއާޕޯޓް އޭޓީއެމް (ބީއެމްއެލް) ކައިރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.