މަލްޓިލޭޓަރަލިޒަމްއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވާ އަހައްމިޔަތުކަމަށް ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި މަންދޫބު އެމް.މުނީރު އޭ.ސަފިލްޑިން ޝުކުރު އަދާކުރައްވައިފިއެވެ.
ސަފިލްޑިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރ ޝާހިދުއާއި ފޮރިން މިނިސްޓްރީއިން ދިން އެއްބާރުލުމާއެކު ރާއްޖެއާއި ޔުނިސެފްއާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދިޔަކަމަށެވެ.
ސަފިލްޑިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްގެ ދައުރު ހަމަކުރެއްވުމަށްފަހު މިދިޔަ މަހު ވަނީ ފުރާވަޑައިގެންފައެވެ.
ސަފިލްޑިން ރާއްޖެއިން ފުރާވަޑައިގެންނެވުމުގެ ކުރިން މިދިޔަ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރެއްވިއެވެ.
މި ޒިޔާރަތުގައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގައި ކުޑަކުދިންގެ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ސަފިލްޑިން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ޔުނިސެފާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަފިލްޑިން މުހިއްމު ދައުރެއް އަދާކުރެއްވިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ސަފިލްޑިން ވަނީ ދައުރު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުންނާވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދެމި ހުންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ވިދާޅުވެފައެވެ.
އަދި ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޔުނިސެފްއިން ކުރި މަސައްކަތްތައް ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ވަނީ ސަފިލްޑިންއަށް ޝުކުރު އަދާކުރައްވާފައެވެ.