ލ.ފޮނަދޫއިން ކޮވިޑް-19ގެ ކޭސްތައް ފެނުމާއި ގުޅިގެން އެއަތޮޅު ކުނަހަންދޫގައި ވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.
ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލް ރައީސް އަސްމާއު އަބޫބަކުރު ވިދާޅުވީ ކުނަހަންދޫގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމަށާއި، އެހެނިހެން ބޭނުންތަކަށް ވަރަށް ގިނައިން ފޮނަދޫއަށް ދަތުރުކުރާ ކަމަށެވެ. އަދި ފޮނަދޫއިން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާއިރު، ސަމާލުވާން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން މިމަހުގެ 9ގެ ނިޔަލަށް ފޮނަދޫ އަދި ގަން ސަރަހައްދަށް ދަތުރުކޮއްފައިވާ ފަރާތްތަކުގެ މައުލޫމާތު ކައުންސިލަށް ހިއްސާކޮއްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަސްމާއު ވިދާޅުވީ މިސަރަހައްދަށް ދަތުރުކޮއްފައިވާ ފަރާތްތަކުގެ މައުލޫމާތު 9995970، 9511616 މި ނަންބަރުތަކަށް ގުޅައިގެން ނުވަތަ މެސެޖަކުން އަންގައި ދިނުމަށް އެދޭ ކަމަށެވެ. އަދި މިހާތަނަށް 10 މީހަކު ނަން ނޯޓުކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޑޮކްޓަރަށް ދައްކަން ދާ ފަރާތްތަކުން ބެންކްގެ ޚިދުމަތްތައް ވެސް ދާނެ. ގާޑިޔާތަކާއި، ރެސްޓައުރެންޓްތަކުން ޚިދުމަތް ހޯދާނެ. އެހެންވެ އެމީހުންގެ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް މިކުރަނީ. ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި.ކައުންސިލް ރައީސް އަސްމާއު އަބޫބަކުރު
ކޮވިޑް-19ން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި އަސްމާއު ވިދާޅުވީ މިހާލަތުގައި ގަން، ފޮނަދޫ ސަރަޙައްދަށް ދަތުރުކޮއްފިނަމަ ކަރަންޓީން ވާން ޖެހޭ ކަމަށެވެ. އަދި އާންމު ރައްޔިތުން ރަށުތެރޭގައި އުޅުމުގައި މާސްކު އަޅައި ގައިދުރުކޮށް އުޅުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.