މިދިޔަ ނޮވެމްބަރު 30 ގެ ފަހުން ދެއްވަދޫ އަށް ދިޔަ އަދި ދެއްވަދޫ އިން ބޭރަށް ދިޔަ މީހުން އަންގައި ހޯމް ކަރަންޓީން ވާން އެދިއްޖެއެވެ.
އެޗްޕީއޭއިން ބުނީ 30 ނޮވެމްބަރުގެ ފަހުން އެ ރަށަށް ދިޔަ މީހުން ވި އެންމެ އަވަހަކަށް އެރަށު ސިއްހީ މަރުކަޒަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި ސާމްޕަލް ނަގައި ނެގެޓިވް ނަތީޖާއެއް ލިބެންދެން ކަރަންޓީންވާން އެދޭ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ނަތީޖާ ލިބެންދެން ސްކޫލްތަކާއި އޮފީސްތަކަށް ނުނިކުތުމަށް ވެސް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރަށް ނޮވެމްބަރު 30 ގެ ފަހުން މާލެ އައިސްފައިވާ މީހެއްް ހުރި ނަމަ ވީ އެންމެ އަވަހަކަށް ފްލޫ ކްލިނިކްތަކަށް ގޮސް ތެސްޓުކޮށް ނަތީޖާ ލިބެންދެން ހޯމް ކަރަންޓީން ވާން ވެސް އެޗްޕީއޭއިން އެދިފައި ވެއެވެ. މާލޭގެ އިތުރަށް އެ ތާރީހުގެ ފަހުން އެހެން ރަށްރަށަށް ގޮސްފައިވާ މީހުން ވެސް އެ އުސޫލަށް އަމަލުކުރަން އެޗްޕީއޭ އިން ގޮވާލާފައިވެއެވެ.
އެޗްޕީއޭއިން ބުނީ ޑިސެމްބަރު 25 ގެ ފަހުން ދެއްވަދޫ އިން މާލެ އައިސް 14 ދުވަސް ހަމަ ނުވާ ނަމަ މިހާރު ޓެސްޓު ކުރުމުގެ އިތުރުން، ދެއްވަދޫއިން ދަތުރުކުރިތާ 14 ދުވަސް ހަމަވަންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އަދި ކަރަންޓީން ނިމުމަށްފަހު، އާންމު އުސޫލުގެ ދަށުން ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.
ގއ. ދެއްވަދޫއިން ލ. ފޮނަދޫ އަށް ދިޔަ ހަތަރު މީހަކު ވަނީ ކޮވިޑްް-19 އަށް ޕޮޒިޓިވްވެފައެވެ. އެކަމާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ކޮވިޑް އަށް ޕޮޒިޓިވްވީ ދެއްވަދޫއިން ދިޔަ ހަތަރު މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން އެމީހުން ޓެސްޓު ކުރުމުން ކަމަށެވެ. އެޗްޕީއޭ އިން ބުނީ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ފޮނަދޫއާ އެއްފަސްވެފައިވާ އޮންނަ ލ. ގަން މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ ދެއްވަދޫ އިން ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވީ މިދިޔަ މަހު 24ގަ އެވެ. ކަރަންޓީނުން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ. ނަމަވެސް އެންމެ ފުރަތަމަ މައުލޫމާތު ދީފައިވާގިތުގައި ކުއްޖާ އެ ބައްޔަށް ނެގެޓިވްއެވެ. އޭގެ ސަބަބުން މީހުން ކުއްޖާ އަށް ޒިޔާރާތްކޮށް އުޅުނު ފަހުން އެ ކުއްޖާ ޕޮޒިޓިވްކަން އެންގި އިރު ކުއްޖާއާ ކޮންޓެކްޓްވި ބައެއް މީހުންނަށް ބަލި ޖެހިފައިވެއެވެ.