ފުވައްމުލަކުން މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދި ކުއްޖާ މަރުވެއްޖެއެވެ.
ކައުންސިލް އިން ބުނީ އެ ކުއްޖާ ފެނުނީ ނެރާ ދިމާލުން ބޭރުގައި އަޑީގައި އޮއްވާ ކަމަށެވެ. ކުއްޖާ ފެނިފައިވަނީ ހޯދަމުން ދިޔަތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުންނެވެ. އެ ރަށު ހޮސްޕިޓަލުން ވަނީ ކުއްޖާ މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހަވީރު 4:45 ހާއިރު ކަމަށެވެ. މިއީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް މައުލޫމާތުލިބެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް އިން ރާއްޖެ އެމްވީ އަށް ބުނީ އެ ކުއްޖާ ގެއްލުނީ އެރަށުގެ އިރުވައި ކޮޅުން ކުރީ ޒަމާނުގައި ނެރެއްގެ ގޮތުގައި ބޭނުން ކުރި ދިމާލަށް މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގެން ކަމަށެވެ. ގެނބުނީ އާއިލާ ކުދިންކޮޅަކާ އެކު މޫދަށް ގޮސް އުޅެނިކޮށް އެއް ކުއްޖަކު ގެނބުމުން ސަލާމަތްކުރަން ދެން ދިޔަ ކުއްޖާ ކަމަށެވެ.
ފުވައްމުލަކުގައި ކުޑަ ކުއްޖަކު މޫދަށް އެރި ގެއްލުނު ސަރަހައްދަކީ ވެސް ޒަމާނުއްސުރެއް އެފަދަ ހާދިސާތަކުގެ ތާރީހެއް އޮންނަ ސަރަހައްދެކެވެ. ރަށުގެ ދުވަސްވީ މީހުން ބުނާގޮތުގައި އެ ސަރަހައްދު މޫދުން ގެއްލުނު މީހަކު މަދު ފަހަރެއްގައި ނޫނީ ފެނިފައި ނުވެއެވެ. އެ ސަރަހައްދަކީ އޮއެ ގަދަ ރާޅު ބޮޑު ސަރަހައްދެކެވެ.