ރިސޯޓުތަކުން މޫދަށް ކުނި އަޅާ މައްސަލައާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީން ވަނީ މި މައްސަލައިގެ އިތުރުން، ދިވެހިރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަންއެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަންޑު ކުރުމަށް ނިންމަވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްވެސް ނިންމާފައެވެ.
މި މައްސަލަތަކާމެދު ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރެއްވުމަށް ނިންމާފައިވަނީ ހޮނިހިރު ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ 2021 ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުމުގައެވެ.
މަޖިލިސް އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ޤަވާއިދުއިން ބާރު ލިބިގެން ޓޫރިސްޓް ރިސޯޓުތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުންދާ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، މިނިސްޓްރީ އޮފް ޓޫރިޒަމް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށް ކޮމިޓީން ވަނީ ފާސް ކޮށްފައެވެ.
އޭގެ އިތުރުން، ދިވެހިރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަންއެއް އެޅުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)އިން ފަންޑު ކުރުމަށް ނިންމަވާފައިވާ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމަންޓް، ފެނަކަ ކޯޕަރޭޝަން، ސްޓެލްކޯ އަދި ތިމާވެއްޓާބެހޭ މާހިރުންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވުމަށްވެސް ކޮމިޓީން ވަނީ ފާސް ކޮށްފައެވެ.
އޮސްޓްރޭލިއާގެ ފްލިންޑަރްސް ޔުނިވަރސިޓީގެ ސައިންސްވެރިންތަކެއް ދާދި ފަހުން ހެދި ދިރާސާއެއްގައި ރާއްޖޭގެ ކަނޑުގެ ގިނަ ސަރަޙައްދުތަކުން ސާމްޕަލްތައް ނަގާފައިވާއިރު، ހުރިހާ ސަރަޙައްދަކުން ނެގުނު ސާމްޕަލްތަކުގައިވެސް ނިސްބަތުން ގިނަ އަދަދަކަށް (ކޮންމެ ކިލޯގްރާމަކަށް 197-822 މައިކްރޯޕްލާސްޓިކް ކޮޅު) ފެނިފައިވާކަމަށް ދިރާސާގެ ނަތިޖާއިން ދައްކައެވެ.
ދިރާސާގެ ބައިވެރިއެއް ކަމަށްވާ ޕްރޮފެސަރ ކެރަން ބާރކް ޑި ސިލްވާ ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ކުދި ކުނިބުނީގެ މިންވަރު ގިނަ ވުމުގެ އެއް ސަބަބަކީ ރާއްޖޭގައި ކުނި ނައްތާލުމުގެ އެކަށީގެންވާ ނިޒާމެއް ނެތުމުން ކަމަށެވެ. އެގޮތުން ފާއިތުވި 10 އަހަރަށް އެކަނި ބަލާލި ނަމަވެސް، ކުނިބުނި އުފައްދާ މިންވަރު 58 އިންސައްތައަށް އިތުރުވެފައިވާކަން ފާހަގަ ކޮށްފައިވެއެވެ.
މިކަމަށް އެކަށީގެންވާ އަވަސް ޙައްލެއް ނުގެނެވިއްޖެނަމަ ދުވަހެއް ދުވަހަކަށް މި މައްސަލަ ބޮޑުވެގެން ގޮސް، ކަނޑުގެ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރު ކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް ޕްރޮފެސަރ ކެރަން ވިދާޅުވެފައިވެއެވެ. އަދި އަހަރުތައް ފާއިތުވެގެންދާއިރު، ދުރު ރާސްތާއަށް ވިސްނާއިރުވެސް މީގެ ނުރައްކާތެރިކަން ބޮޑުކަމަށް ސައިންސްވެރިން ބުނެއެވެ.
ދުނިޔޭގެ ނިސްބަތުންވެސް މައިކްރޯޕްލާސްޓިކް އެންމެ ގިނަ ޤައުމަކީ ދިވެހި ރާއްޖެއަށްވެފައި، އޭގެ އެއް ސަބަބެއްގެ ގޮތުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ނެތުން ފާހަގަ ކޮށްފައިވާއިރު، މިއަހަރު އެންމެ އިސްކަމެއް ދީގެން ކުރާނެ އެއް މަސައްކަތަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުން ކަމަށް އެންވަޔަރމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދް ހަސަން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް، މި މަސައްކަތް އެންމެ އެދެވޭ ބާރު ސްޕީޑެއްގައި ނުދާކަމަށް ގިނަ ބަޔަކު ބުނެއެވެ.