ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު 5 މެމްބަރުން އައްޔަންކޮށްފިއެވެ.
އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ އަދަދު އިތުރުކުރުމާއިއެކު މިހާރު ޖުމްލަ 11 މެމްބަރުން އެ ބޯޑުގައި ތިއްބަވާނެއެވެ.
އަލަށް އައްޔަންކުރި މެމްބަރުންނަކީ އަބްދުލް މުންނިމް، އަބްދުﷲ މިއާދު، މުހައްމަދު ޖަލާލް، ޝާތިރު އަބްދުއްރަހުމާން އަދި މަރިޔަމް ޝަވާދިން އަބްދުﷲއެވެ. މި ބޭފުޅުންގެ ތެރެއިން ޝާތިރު އަބްދުއް ރަހްމާންއާއި މަރިޔަމް ޝަވާދިންއަކީ، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ ބޯޑުގެ ދެ މެމްބަރުންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މުވައްޒަފުންނާއި މުދަލާއި ތަކެތި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ބަދަލު ކުރިއެވެ.
ޖީއެމްއައިޒެޑްއެލް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅިފަޅު މެނޭޖް ކުރުމަށް އުފެއްދި ކުންފުންޏެކެވެ. އެޗްޑީސީ އަކީ ހަމައެކަނި ހުޅުމާލޭގެ ކަންކަން މެނޭޖް ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
ދެ ކުންފުނި އެއްކޮށްލީ މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާ ތަކަށް ރިއާޔަތް ކުރުމަށްފަހު ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ އޭރިއާ ތަރައްގީ ކުރަން ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމަށެވެ. އަދި ދެކުންފުނިން އެއްކޮށްލައިގެން މަސައްކަތްތައް ކުރުމުން ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމަށް ފަސޭހަވެގެންދާނެއެވެ.