ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ބަދަލުގެނެސް، ގާނޫނުގެ ތެރެއިން އިންތިހާބު ބާއްވާނަމަ، އިންތިހާބުގެ ކަންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެއްބާރުލުން ދޭނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީއިން ބުރާސްފަތި ދުވަހުގެރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޒްލާ ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުންނަމަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަކީ ނުވާނެ ކަމެއް ކަމަށާއި، އިންތިހާބު ބޭއްވޭނެ ގޮތަކާއި މެދު އިލެކްޝަނުން އެޗްއީއޯސީއާއި ދެ ފަހަރެއްގެ މަތިން މަޝްވަރާ ކުރި ކަމަށެވެ. އެހެންނަމަވެސް ގާނޫނުގައި ބުނާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތްހާ ހިނދަކު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ގާނޫނުން ތަން ނުދޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ބަދަލު ގެނެސް އިންތިހާބު ބާއްވާނަމަ އެކަމަށް އެޗްއީއޯސީއިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި، އެގޮތުން އިލެކްޝަން ކޮމިޝަނާއިއެކު އިންތިހާބުގެ ގައިޑްލައިނެއް ހެދުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރި ހާއްސަ ޤާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހަކީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަޔާން ކުރުމަށްފަހުގައެވެ. ނަމަވެސް އިންތިޚާބު ބާއްވަން އޮތް އެންމެ ބޮޑު ހުރަހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށްވާއިރު، އެ ހާލަތުން އަރައިގަނެވޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވެއެވެ.
އެހެންނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި މަޝްވަރާ ކުރުމަށްފަހު ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު އިސްލާހުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.