މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި ބިއްލޫރި ޕެލެޓެއް ވެއްޓި މީހަކު ތާށިވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ބުރާސްފަތި ދުވަހުގެރޭ 19:45 ހާއިރު ރިޕޯޓުކުރުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"ރާއްޖެ.އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާ ހިނގީ ކޮންޓެއިނަރު ތެރޭގައި ހުރި ބިއްލޫރި ޕެލެޓް އަރިއަޅާލައިގެން ކަމަށާއި، ކޮންޓެއިނަރު ތެރޭގައި ހަރަކާތްތެރިވަމުން އައި މީހާ އަދިވެސް އިނީ ތާށިވެފައި ކަމަށެވެ. އަދި ކޮންޓެއިނާގެ ބޭރު ކަފާލައިގެން މީހާ ސަލާމަތްކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެމްޕީއެލް ތެރޭގައި ހިނގި ހާދިސާއާ ގުޅިގެން މީހަކަށް އަނިޔާވެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.