މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމެންޓާއި، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވގެ ފުރަތަމަ ހަރަކާތް ކަމުގައިވާ ރައްކާ ރޯޑް ސޭފްޓީ ރަންގައި 800 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ ފުރުސަތު އަންގާރަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، ޖުމްލަ 850 މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ރަން ފޮރ މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ރައްކާ ރޯޑް ސޭފްޓީ ރަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ހުޅުމާލޭގައެވެ. މި ދުވުން މި މަހުގެ 16 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ކުރިޔަށްދާއިރު މި ދުވުން ކުރިޔަށްދާނީ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.