ވާރޭ ވެހުމުގެ ސަބަބުން ނ. ހޮޅުދޫގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
ހަ މިލިއަން ފަސްލައްކަ ފަސްދޮޅަސް ނުވަ ހާސް ބައްތިރީސް ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް 10 މަސް ދުވަސްތެރޭ ނިންމުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓުގެ ފަރާތުން ހަވާލުކޮށްފައި ވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާރ އިންޑިއާ ލިމިޓެޑަށެވެ.
ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިމުމާއެކު އެ ދާއިރާގެ މަޖިލިސް މެންބަރު ޔޫނުސް އަލީ ޓްވީޓް ކުރައްވާ ވިދާޅުވީ، އެ ރަށުގައި ގާއިމުކުރާ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެކަމަށްޓަކައި ރައީސް އިބްރާޙީމް މުހައްމަދު ޞާލިހަށް ޝުކުރު ދަންނަވާ ކަމަށެވެ.
ހޮޅުދޫއަށް ވާރޭވެހި ފެން ބޮޑުވަމުންދާ މައްސަލައަކީ ޒަމާނުއްސުރެ އެ ރަށުގެ ރައްޔިތުން ކުރަމުން އަންނަ ޝަކުވާ އެކެވެ. އަދި މިގޮތަށް ފެން ބޮޑުވާ ދުވަސްވަރު އެ ރަށުގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ ފެން ހިންދުމުގެ މަސައްކަތް ތަފާތު އެކި ފަހަރު މަތިން ކޮށްފައެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމާއި، ނަރުދަމާ އެޅުން އަދި މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ ރައީސް ޞާލިހުގެ ވެރިކަމުގައި ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.
ހޮޅުދޫ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.