ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތި ވިއްކާއިރު ބަހައްޓަންޖެހޭ ޓެމްޕަރޭޗަރގައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.
ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އެމްއެފްޑީއޭއިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތި ވިއްކާ ފިހާރަތައް އެ އޮތޯރިޓީން އިންސްޕެކްޓްކޮށް ނެގި ސާމްޕަލްތައް ތަޙުލީލުކޮށް ބެލި ބެލުމުގައި މިފަދަ އުފެއްދުންތަކުގެ ފިނިހޫނުމިން ބަހައްޓަންޖެހޭ މިންގަނޑުގައި ބަހައްޓާފައިނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެއްޗަކީ ކަނޑައެޅިފައިވާ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ތަކެތި ކަމުން އޭގެ ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ އޭގެ ފެންވަރާއި ރައްކާތެރިކަން ގެއްލޭނެ ކަމަށް އެމްއެފްޑީއޭ ބުނެފައިވެއެވެ. އަދި މިއީ ޢާއްމު ޞިއްޙަތަށް ނުރައްކާވާ ކަމަކަށްވާތީ މިފަދަ ތަކެތި ރައްކާކޮށް ގުދަން ކުރުމުގައާއި އަދި ވިއްކަން ބެހެއްޓުމުގައި ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
އެގޮތުން، ގަނޑުކުރި ކާބޯތަކެތީގެ ފިނިހޫނުމިން -18°C އަށްވުރެ މަތިނުވާނެ ގޮތަކަށް އަދި ފިނިކުރި ކާބޯތަކެތި 0-5°C އާއި ދެމެދުގައި ބެހެއްޓުމަށް އަންގާ އިޢުލާން ކުރާކަމަށްވެސް އެމްއެފްޑީއޭއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.