ކޮވިޑް-19 އަށް ޕޮޒިޓިވްވި ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެއެވެ.
މުޖުތާޒް އަވަހާރަވިކަން އެމަނިކުފާނުގެ ކޮއްކޯފުޅު މަޖިލީސް މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޖުތާޒް ފަހުމީ އަވަހާރަވީ ބުދަ ދުވަހުގެރޭ މެންދަމު 02:00 ހާއިރު ކަމަށެވެ.
މުޖުތާޒް ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ލ.ގަމު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ލ.ގަމު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އަންގާރަ ދުވަހުގެރޭ ނޭވާއަށް އުނދަގޫވެ ހާލު ސީރިއަސް ވާން ފެށި ކަމަށެވެ. އެހެންކަމުން ބުދަ ދުވަހުގެ މެންދުރުގެ ވަގުތުގައި ވެންޓިލޭޓަރު ގުޅައި މާލެ ފޮނުވާލި ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ ފެސިލިޓީގައި މުޖުތާޒަށް ފަރުވާ ދޭން ފަށާފައިވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
61 އަހަރުގެ މުޖުތާޒް ގަމަށް ވަޑައިގެން ހުންނެވި ސަބަބެއް ނޭނގެއެވެ. މުޖުތާޒު ހުންނެވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ލ. ކުޑަފުށީގައި ހޯމް ކަރަންޓީނުގައެވެ.
ފަނޑިޔާރު ކަމުން ރިޓަޔަރ ކުރައްވާފައިވާ މުޖުތާޒު 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުން 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވިއެވެ.