ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަންނަ އާދިއްތަ ދުވަހު ކިޔެވުން އަލުން ފަށާއިރު ނާސަރީ އަދި ބޭބީ ނާސަރީގެ ދަރިވަރުން ވެސް ސްކޫލަށް ދާން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުކުރަން ޖެހުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ފަށަނީ 2020 ވަނަ އަހަރު ފެށި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުމެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާދިއްތަ ދުވަހުން ފެށިގެން ބޭބީ ނާސަރީއާއި ގްރޭޑް 12 އާ ދެމެދުގެ ހުރިހާ ގްރޭޑަކަށް ވެސް ރަސްމީކޮށް ކިޔެވުން ފަށާނެ ކަމަށެވެ.
ސްކޫލްތައް އަލުން ހުޅުވަން ތައްޔާރުވާއިރު ސްކޫލްތަކުގައި އަމަލުކުރަން ޖެހެނީ ނިއު ނޯމަލްގައި އަމަލުކުރަން އަންގާފައިވާ ހާއްސަ އުސޫލެއްގެ ދަށުންނެވެ. އެގޮތުން ޕްރީ ސްކޫލް ދަރިވަރުން ސްކޫލަށް ނެރޭ އިރު އެ ދަރިވަރުންނަށް ކިޔަވައިދޭން ޖެހެނީ ފަސް ދުވަހު ދުވާލަކު ދެ ގަޑިއިރަށް ވުރެ މަދު ނުވާނެ ގޮތަށެވެ. އޭގެ ތެރެއިން އެއް ގަޑި އިރު ވަންދެން ކުދިންނަށް ގައި ދުރުކަމާއި އަތް ދޮޮވުން ފަދަ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތައް ކިޔައިދޭން ޖެހެ އެވެ.
ޕްރައިމަރީ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީގެ ދަރިވަރުންނަށް ކިޔަވައިދޭން ޖެހެނީ 5 ގަޑިއިރަށެވެ. ސްކޫލުގައި ކުދިން ތިބޭ ނިސްބަތަށް ބަލާފައި ކިޔެވުމުގެ ދަންފަޅި އޮންނަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަން އަކަށް ބަހާލައިގެން ކިޔަވައި ދިނުމާއި ދެ ދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގެންދިއުމެވެ. އެގޮތަށް އަމަލުކުރާ ނަމަ ކުދިންނަށް އޮންލައިން ކްލާސްތައް ވެސް ނަގައިދޭން ޖެހެ އެވެ.
މިދިޔަ މާޗް މަހު ރަސްމީކޮށް ސްކޫލްތައް ބަންދުކޮށްފައިވާއިރު އޭގެ ފަހުން ދަރިވަރުންނަށް ކިޔަވައިދީފައި ވަނީ ޓެލެ ކްލާހާއި އޮންލައިން ކްލާސްތައް މެދުވެރިިކޮށެވެ. ފަހުން ގްރޭޑް 8 އާއި 12 އާ ދެމެދުގެ ދަރިިވަރުން ސްކޫލް އަށް ނެރެ ކިޔަވައިދީފައި ވެއެވެ