ކ. މާލެ
|
6 ޖެނުއަރީ 2021 | ބުދަ 11:34
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. އާއިޝަތު ޝިހާމް
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. އާއިޝަތު ޝިހާމް
ރާއްޖެ އެމްވީ
އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް 2017
އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް 2017: ބައެއް ސްކޫލްތަކުގެ މަޝްރޫއުތަކުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ޚަރަދުކޮށްފައިވޭ
ލ. މާވަށު ސްކޫލް ތަރައްގީ ކުރުމުގެ މަޝްރޫއުއިން 13،943،819ރ ގެއްލުމެއް ދައުލަތަށް ލިބުނު
މ. ކޮޅުފުށި ސްކޫލް ތަރައްގީ ކުރުމުގެ މަޝްރޫއުއިން އެއްބަސްވުމުގެ އަގަށް ބަދަލު ގެނެސް، އިތުރަށް 6،469،152ރ ޚަރަދުކޮށްފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ބައެއް ސްކޫލްތައް ތަރައްގީ ކުރުމަށް ހިންގި މަޝްރޫތަކަށް ޚަރަދުކުރުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ގިނަ ކަންކަން ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ލ. މާވަށު ސްކޫލްގައި 5 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވުމުން ޖުމްލަ 13،943،819ރ (ތޭރަ މިލިއަން ނުވަލައްކަ ސާޅީސްތިންހާސް އަށްސަތޭކަ ނަވާރަ ރުފިޔާ)ގެ ގެއްލުމެއް ދައުލަތަށް ލިބިފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނުވަތަ އޭޑީއާރު ކޮމެޓީގެ ހުއްދަ ހޯދުމަކާއިނުލައި، މަސައްކަތުގެ ސްކޯޕަށް ބަދަލުގެނެސް، އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްގައި މ. ކޮޅުފުށި ސްކޫލްގައި 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

މ. ކޮޅުފުށި ސްކޫލްގައި 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމަށް، ނޭޝަނަލް ޓެންޑަރ ބޯޑުން ހަވާލުކުރުމަށް ނިންމާފައިވާ ފަރާތުން ހުށަހެޅި އަގަށްވުރެ ޖުމްލަ 6،469،152ރ (ހަމިލިއަން ހަތަރުލައްކަ ފަސްދޮޅަސްނުވަހާސް އެއްސަތޭކަ ފަންސާސް ދެ ރުފިޔާ) އަގު ބޮޑުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި މާހައުލެއްގެ ތެރެއިން، އިގްތިޞާދީގޮތުން އެންމެ ފައިދާހުރި، އަދި ހާމަކަންބޮޑު ޒިންމާދާރު ގޮތެގައިކަން ޔަގީން ކުރަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބުނެފައިވީނަމަވެސް، ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް، 2016 ވަނަ އަހަރު 4 މަޝްރޫއެއްގެ މަސައްކަތް އަމިއްލަ ފަރާތަކަށް ހަވާލުކުރުމަށްފަހު، އެމަސައްކަތުގެ އެއްބަސްވުން ބާތިލްކުރެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހާލަތަކުންކުރެ ހާލަތެއް މެދުވެރިނުވަނީސް، ކުއްލިއަކަށް އެއްބަސްވުންތައް ބާތިލްކުރުމުން ކޮންޓްރެކްޓަރަށް ދައުލަތުން ބަދަލުދޭންޖެހުމާއި، އެކަށީގެންވާ ޕްލޭނެއްނެތި މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ލ. މާވަށު ސްކޫލްގެ މަޝްރޫއާއި މ. ކޮޅުފުށި ސްކޫލްގެ މަޝްރޫއުގެ އިތުރުން، ޅ. ނައިފަރު މަދުރަސަތުލް އިފްތިތާހުގައި 10 ކްލާސްރޫމާއި ސްޓާފްރޫމަކާއި އަދި އޭވީ ރޫމެއް އިމާރާތްކުރުމުގެ މަޝްރޫއު ހިމެނެއެވެ.

- ކޮމެންޓް